ޕްލާސްޓިކް ބޭނުން ކުރުމާއި ދެކޮޅަށް ކެމްޕޭނެއް މިއަދު ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ފައްޓަވައި ދެއްވައިފިއެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމުގެ ބޭނުމުގައި ފެއްޓެވި ކެމްޕެއިން އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ޙަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ އަމާޒަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުންކަމުގައެވެ.

މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކަކީ، އިގްތިސާދީ ގޮތުން ނުހަނު ބޮޑަށް ގުޅިފައިވާ ގުދުރަތީ ވަސީލަތްތަކެއްކަމަށާއި، މި ވަސީލަތްތަކާމެދު ދިވެހިންނަށް ވަނީ ފަރުވާކުޑަކުރެވިފައިކަމަށެވެ. ކަނޑުގައިވާ ދިރުމަށް ދެވޭ އެންމެ ބޮޑު ގެއްލުމަކީ، ކަނޑަށް އެޅޭ ކުނި ގިނަވުންކަމަށާއި މިގޮތުން ކުނީގެ ތެރެއިން ނިސްބަތުން އެންމެ ގިނައީ ޕްލާސްޓިކް ކަން އެމަނިކުފާނު ފާހަގަކުރައްވިއެވެ. އަދި، މި ޕްލާސްޓިކްތަކުން ކަނޑުގައި އުޅޭ މަސްމަހާމެއްސަށް ގެއްލުންތައް ވަގެންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގެއްލުން ބޮޑު ޕްލާސްޓިކްގެ ބަދަލުގައި ބަޔޯޑިގްރޭޑަބަލް ނުވަތަ އުކާލުމުން އަވަހަށް ފަނާވެގެންދާ ޕްލާސްޓިކް ބޭނުންކުރުން އިތުރު ކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްއެވެ. މީގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ދިވެހިން ބަރޯސާވެފައިވަނީ ކަންބޮޑުވާ މިންވަރަކަށްކަމަށާއި، މިކަމަށް އޮތް ޙައްލަކީ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އިސްރާފު ނުކުރުމާއި ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަށް ބޭނުންކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.