ޖުމްހޫރީ ޕާޓީން އެދޭގޮތަށް އެމްޑީޕީގެ ގޮނޑިތަށް ބަހާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅު ވެއްޖެއެވެ.
ރޮޒެއިނާ ކުރެއްވި ޓުވީޓުގައި ބުނެފައި ވަނީ ކޯލިޝަންގެ ހުރިހައި ޕާޓީތަކަށް އެއްބަސް ވެވޭގޮތެއް ނެތްކަމަށް ވާނަމަ އެމްޑީޕީ އިން މަޖިލީހުގެ 87 ގޮނޑިއަށް ވާދަ ކުރެވެން ޖެހޭނެ ކަމަށެވެ. އަދި ހަމަ ޖުމްހޫރީ ޕާޓީން އެދޭގޮތަށް އެމްޑީޕީގެ ގޮނޑިތައް ބަހާލައި އެންމެ 60 ގޮނޑިއަށް އެމްޑީޕީ އިން ކުރިމަތިލުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެމްޑީޕީ އިން މަޖިލީސް އިންތިހާބުގައި ވާދަކުރާ ދާއިރާތައް ކަނޑައެޅުމަށް ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ފާސްކުރީ ހުރިހައި ދާއިރާއަކަށް ކުރިމަތި ލުމަށެވެ. މި ހުށަހެޅުން ހުށަހެޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. 87 ދާއިރާއަށް ވާދަ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުުރީ އެ ވޯޓްގައި ބައިވެރިވެ ވަޑައިގަތް 80 މެންބަރުންގެ ތެރެއިން 72 މެންބަރުންގެ ތާއީދާ އެކުގައެވެ.