މިހާރު ކުރިއަށްދާ އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާގައި ގިނަމެންބަރުންގެ ތާއިދު އޮތީ ހުރިހައި ދާއިރާއަކަށް ވާދަކުރުމަށެވެ. އިބްރާޙިމް މުޙައްމަދު ޞާލިޙް ވެރިކަމަށް ގެނައުމަށް ހެދި ކޯލިޝަން ދެމެހެއްޓުމަށް މަސައްކަތް ކުރުން މުހިންމުކަން ފާހަގަ ކުރައްވަމުން، ގިނަ މެންބަރުުން ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ 87 ދާއިރާއަށް ކުރިމަތިލުމަށެވެ.
މިރޭ ކުރިއަށްދާ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ 35 ގޮނޑިނޫން ގޮތަކަށް، ޚާއްޞަކޮށް މައުމޫނު ރިފޯމު މޫވްމެންޓާއި އަދާލަތު ޕާޓީއަށް ދުލެއް ނުދެއްވުނު ކަމަށެވެ. ކިރިޔާވެސް އެކަމުގައި ދުލެއް ދެއްވަން ވާހަކަފުޅު ދެއްކެވީ ޖުމްހޫރީ ޕާޓީން ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި 87 ދާއިރާއަށް ކުރިމަތިލައިގެން އެންމެ ގިނަ ގޮނޑިއެއް ނުލިބޭނެ." ކުރިންވެސް ނަޝީދު ވިދާޅުވެފައިވާ ވާހަކަ މިރޭވެސް ދިފާޢުކުރައްވަމުން ވިދާޅުވިއެވެ. އަދި 61 ގޮނޑިއަށް ވާދަކުރުމާމެދު ނަޝީދު ޚިޔާލު ފާޅުކުރެއްވިއެވެ.
ނަމަވެސް މިރޭ ކުރިއަށްދާ މަޖިލީހުގައި ގިނަ ބޭފުޅުންގެ ވިސްނުންފުޅު ހުރިގޮތަށް 87 ގޮނޑިއަށް އެމްޑީޕީ ވާދަކުރުމަށް ތާއިދު ކުރައްވާކަމަށް ވިދާޅުވިއެވެ. ހަމަ އެނޭވާގައި އަނެއްކާވެސް ތަކުރާރު ކުރެއްވީ އެއީ އެމްޑީޕީއަށް އެންމެ ގިނަ ގޮނޑި ލިބޭނެ ގޮތް ނޫންކަމަށްވެސް ޤަބޫލުކުރައްވާ ކަމަށެވެ.
ހުސްވަގުތު ކޮޅަކަށްފަހު ހުށައެޅުންތައް ހުށައެޅުމަށް ވަގުތު ދެއްވާނެ ކަމަށް ވިދާޅުވެ މިހާރު ވަނީ މަޖިލިސް މެދުކަނޑާލާފައެވެ