އެމްއެންޑީއެފް އިން އަލިފާން ނިއްވުމަށް ފަޔާ ސައިކަލް ބޭނުން ކުރަން ފަށައިފިއެވެ. އަލިފާން ނިއްވުމަށް ހާއްސަ ކޮށްގެން ފަރުމާކުރެވިފައިވާ މި ސައިކަލު ފުރުތަމަ ފަހަރަށް އާންމުންނަށް ދައްކައިލާފައި ވަނީ ސެނެހިޔާ ހޮސްޕިޓަލް ކުރިމަތީ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ ހިޔާލުފުޅާއި އެއްގޮތަށް ފަރުމާކުރެވިފާ މި ދެ ސައިކަލަކީ އެމްއެންޑީއެފް އާއި ދިރާގާ ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫގެ ދަށުން ދިރާގުން ހަދިޔާކޮށްފައިވާ ދެ ސައިކަލެވެ.
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން އަލިފާން ނިއްވުމުގައި އަވަސް ޚިދުމަތެއް ދިނުމުގެ ބޭނުމުގައި ފަޔާ ސައިކަލްތައް ފަރުމާ ކުރެވިފައިވާއިރު މި ސައިކަލްތަކުގައި ފަޔާ ބެކަޕް ސިސްޓަމެއް ހަރުކުރެވިފައިވެއެވެ. ސައިކަލުގެ ދެފަރާތުގައި އަލިފާން ނިވި ހަރުކުރެވިފައިވާއިރު ބަންދު ތަންތަނުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ ޑްރައި ސްޕްރިންކްލާ ޕައުޑަރ ބެހެއްޓިފައި ހުރެއެވެ.
ސެނެހިޔާ ހޮސްޕިޓަލް ކުރިމަތީ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވީ މިއަދު ތައާރަފް ކުރެވުނު ފަޔާ ސައިކަލުގެ ސަބަބުން މާލޭގައި އަލިފާން ނިއްވުމަށްޓަކައި ބޮޑެތި ވެހިކަލްތަކަށް ނުވަދެވޭ ހަނި މަގުތަކުގައި އަލިފާން ނިއްވުމުގެ މަސައްކަތް އަވަސްކަމާއެކު ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.