ދައުލަތުގެ މާލީ ހާލަތު ހުރި ހިސާބު އާންމުންނަށް އެނގެން ޖެހޭ ކަމަށާއި، ﷲ އިރާދަކުރެއްވިއްޔާ އަންނަ ހަފްތާއިން ފެށިގެން ހަފްތާއަކު އެއްފަހަރު މި ސަރުކާރުގެ މާލީ ހާލަތު ހާމަ ކުރާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރައީސްކަމާއި ހަވާލުވެވަޑައިގެން ކ.ދިއްފުއްޓަށް ވަޑައިގެން ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ކުރީގެ ސަރުކާރުން ކަންތައްތައް ކޮށްފައިވާ ގޮތުން ކޮރަޕްޝަނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދު ކުރަން ޖެހޭ ކަމަށެވެ. މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި މުއައްސަސާތަކާ ބައްދަލުކޮށް ކަންކަން ހިނގާފައިވާ ގޮތް ސާފުކުރުމުން އެނގުނު އެއްކަމަކީ މިހާރަށް ވުރެ ބޮޑަށް ކަންކަން ހާމަކަން ބޮޑުގޮތެއްގައި ކުރަންޖެހޭކަމެވެ.
އެކިއެކި ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ މައުލޫމާތު އާންމު ނުކުރެވި ހުރި ކަމަށެވެ. ނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން އެ މައުލޫމާތު ވެސް ހާމަކޮށްފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ. ދައުލަތުގެ މާލީ ހާލަތު ހުރި ހިސާބު ވެސް އާންމުންނަށް އެނގެން ޖެހޭ ކަމަށް ސޯލިހު ވިދާޅުވި އެވެ.
"ﷲ އިރާދަކުރެއްވިއްޔާ ހަފްތާއަކު އެއްފަހަރު މި ސަރުކާރުގެ މާލީ ހާލަތު އަޅުގަނޑުމެން ހާމަ ކުރާނަން. އަންނަ ހަފްތާއިން ފެށިގެން އެކަން އަޅުގަނޑުމެން ކުރާނަން،" ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ކަންކަން ވީހާ ވެސް ހާމަކޮށްގެން ކުރިއަށްދާ ވެރިކަމަކަށް މިވެރިކަން ވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.