އެމެރިކާގެ 41 ވަނަ ރައީސް، ޖޯޖް ހަރބަރޓް ވޯކަރ ބުޝް މަރުވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތައުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ސާލިހް ގެ މެސެޖުގައި، އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ހަރބަރޓް ވޯކަރ ބުޝް، މަރުވި ހަބަރު އެއްސެވީ ފުން ހިތާމައާއިއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އެމެރިކާއަށް ކުރިމަތިވި ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އެމެރިކާގެ ރައްޔިތުންނަށާއި އަދި ހާއްސަކޮށް އެމެރިކާގެ ކުރީގެ ރައީސް، ބުޝްގެ ޢާއިލާއަށް ތައުޒިޔާ ފޮނުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ރައީސް ޖޯޖް ހަރބަރޓް ވޯކަރ ބުޝްއަކީ ގައުމީ ހިދުމަތުގައި ގިނަ އަހަރުތަކެއްވަންދެން ނަމޫނާ ދެއްކެވި ހިތްވަރުފުޅުގަދަ، އެމަނިކުފާނުގެ މަސްއޫލިއްޔަތުތައް ފުރިހަމަޔަށް އަދާކުރެއްވި ބޭފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސް ބުޝްވަނީ 2005 ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަނާއެކު ރާއްޖެ ވަޑައިގެން، 2004 ވަނަ އަހަރު ކުރިމަތިވި ފަނާކުރަނިވި ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކާއި ބައްދަލުކުރައްވާފައިކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަ ކުރައްވާފައިވެއެވެ. އަދި ބުޝްގެ ބާރުއެޅުއްވުމާއެކު ސުނާމީއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އ.ދ އިން ރާއްޖެއަށް އިތުރު އެހީތައް ލިބުމަށް މަގުފަހިވެގެންދިޔަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ. މިކަމުގެ ސަބަބުން ގިނަ ދިވެހިންގެ ހިތްތަކުން ރައީސް ބުޝްއަށް ހާއްސަ ޖާގައެއް ދެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ރައީސް ޖޯޖް ހަރބަރޓް ވޯކަރ ބުޝް މަރުވީ ޑިސެމްބަރު 30 ވީ ހުކުރު ދުވަހުގެ ރޭ 10:10 ގައެވެ. މަރުވި އިރު އުމުރަކީ 94 އަހަރުގައި ކަމަށް ބުޝްގެ އާއިލާގެ ތަރުޖަމާނު ވިދާޅުވިއެވެ.