މާލެ އަތޮޅު ދިއްފުށީގައި ސަރުކާރުން ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ފަށްޓަވައިދެއްވައިފިއެވެ.

ދިއްފުށީގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު، އެރަށު ސްކޫލަށާއި، ކައުންސިލް އިދާރާއަށާއި، ދިއްފުށީ ހެލްތު ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޒިޔާރަތްކުރައްވާފައެވެ.

ދިއްފުށީ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހު ކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، މިވެރިކަމުގެ ފުރަތަމަ 3 އަހަރު ނިމޭއިރު، ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފެށްޓެވުންކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ލިބެންޖެހޭ މިފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެގޮތުން ކުރިއަށް އޮތް 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނި، ޖުމްލަ 102 މިލިއަން ޑޮލަރު ޚަރަދުކޮށްގެން 72 ރަށުގެ ނަރުދަމާ އަދި 56 ރަށުގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށެވެ.

ދިއްފުށީގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށްފައިވަނީ އަލިފުޅު ތުއްތު ފައުންޑޭޝަން ގެ ފަރާތުންނެވެ. އަލިފުޅު ތުއްތު ފައުންޑޭޝަނަކީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ އަފީފާއި މުޙައްމަދު މޫސާ ގެ ބައްޕާފުޅު އަލިފުޅު ތުއްތުގެ ނަމުގައި އުފައްދާފައިވާ ފައުންޑޭޝަނެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.