މެމްބަރު ރިޔާޒު ރަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައިވަނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި ހަފްލާއެއްގައެވެ.
ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވަނީ މީގެކުރިން 2009 ވަނަ އަހަރު ޤައުމީ ޕާޓީއަށް ސޮއިކުރައްވާފައެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ޕީ.ޕީ.އެމް އަށް ސޮއިކުރެއްވުމަށްފަހު، މިފަހަރު މިވަނީ ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.
ކުނޫޒުގައި ކުރިއަށްދިޔަ މިހަފްލާގައި ރިޔާޒު ރަޝީދު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ މެޖޯރިޓީީ ވަނީ ޖެޕީ އަށް ލިބިފައެވެ.
މަޖިލީހުގައި މިހާރު ތިއްބެވީ 79 މެމްބަރުންނެވެ. އެއީ ސަރުކާރު ކޯލިޝަންގެ 47 މެމްބަރުންނާއި، ޕީޕީއެމްގެ 28 މެމްބަރުން އަދި އެމްޑީއޭގެ ހަތަރު މެމްބަރުންނެވެ. މަޖިލީހުގައި ޖުމްލަ 85 މެމްބަރުން ތިއްބަވާއިރު، ހަ މެމްބަރުން ވަނީ އިސްތިއުފާ ދެއްވާފައެވެ.