ޒަމާނީ ޑިމޮކުރޮސީގެ ނިޒާމެއް އުފެދި އަދި މަލްޓި ޕާޓީ ސިސްޓަމަށް، ދިވެހިރާއްޖޭގެ ސިޔާސީ މިސްރާބު ބަދަލުވީ 2004 ވަނަ އަހަރުއެވެ. އެއާއެކު ގިނަ ސިޔާސީ ޕާޓީ ތަކެއް އުފެދި، ސަރުކާރުން ކުރަމުން އަންނަ ނޭދެވޭ ކަންތައްތަކަށް ބަހުސް ކުރެވެން ފެށުނެވެ. މަލްޓި ޕާޓި ސިސްޓަމެއްގައި ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަނީ އެކި ދާއިރާތަކަށް ބަހައިލައިގެން، އެދާއިރާއެއްގެ ރައްޔިތުންގެ ތެރޭގައި ނެގޭ ވޯޓަކުންނެވެ. ކޮންމެ މެމްބަރަކީވެސް ސިޔާސީ ޕާޓީއެއް ރަމްޒުކުރާ މެމްބަރަކަށް ވާއިރު، މިނިވަން މެމްބަރުން މަޖިލީހަށް ކުރިމަތިލަނީ ވަރަށް ވެސް މަދުންނެވެ. މީގެ ކުރިން ޒުވާނުން މަޖިލީހަށް ކުރިމަތިލާ މިންވަރު މަދުކަމުގައި ވީނަމަވެސް، މި ފަހަކަށް އައިސް މަޖިލީހަށް ޒުވާނުން ކުރިމަތީލާ މިންވަރު ކުއްލިއަކަށް އިތުރު ވެއްޖެއެވެ. ކުރިޔައް އޮތް މަޖިލީސް އިންތިޚާބަށްވެސް ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ކުރިމަތިލުމަށް ޝައުގެވެރިކަން ފާޅު ކުރަން ފަށައިފައިވާއިރު، މީގެ ކުރިން ޒުވާނުންނަށް މަޖިލީހަށް ކުރިމަތި ލުމުގެ ފުރުސަތު ނުލިބެނީ ކަމަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް، ޒުވާނުންނަށް މަޖިލީހުން ފުރުސަތުތައް ދޭން އެބަޖެހެއެވެ. މީގެ ކުރިން ޒުވާނުންނަށް ޚިޔާލުފާޅުކުރުމުގެ މަގު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ގައުމު ހިންގުމުގައި ޒުވާނުންގެ ބަސްވެސް އަހަންވެއްޖެއެވެ. އިހަކަށް ދުވަހު ރައްޔިތުންގެ ބޮޑު ޢަޤްލަބިއްޔަތަކާއިއެކު ހޮވިގެން މަޖިލީހުގައި މެމްބަރުކަން ކުރި ވަރަށް ގިނަ އިއްޒަތްތެރިން ހޭވި ހަޑި ބޭޒާރު ވެއްޖެއެވެ. މާޒީއަށް ބަލާއިރު ދޯދިޔާ ވިސްނުމުގެ މީހުން ރައްޔިތުންގެ މަޖިލީސް ހިސޯރުކޮށް ގާނޫނުތައް ހަދައި އެއަށް އަމަލު ކުރަމުން އައީ، އެބައެއްގެ އަމިއްލަ އެދުން އިސްކުރައްވައިގެންނެވެ. އެތަކެއް މެމްބަރުންނެއް ކޮރޮޕްޝަންގެ ތެރޭގައި ގެެެއްލި ހަލާކުވެގެން ދިޔައިރު، ރައްޔިތުން ތިބިީ ބަލާށެވެ. ނަތީޖާއަކަށްވީ ރައްޔިތުންގެ މަޖިލީހަށް ކުރަމުން އައި އިތުބާރު ގެއްލިދިއުމެވެ. މިހެންވީއިރު މިފަހަރު ރަނގަޅު ޒުވާނުންނަތަކަކަށް ފުރުސަތުދީ އަލުން އެ އިތުބާރު ހޯދާން އެބަޖެހެއެވެ. ޒުވާނުންގެ ބަހަށް ބީރުކަންފަތެއް ދީފިނަމަ، ގައުމު ކުރިއަރާނީ ކިހިނަކުންތޯ ވެސް މީ ހިތާހިތާ ކޮށްލެވޭ ސުވާލެކެވެ.

ރައްޔިތުންގެ މަޖިލީހަކީ ގައުމުގެ ޤާނޫނު އިތުރަށް ފުރިހަމަކޮށް، އެއަށް ގެންނަން ޖެހޭ އިސްލާހުތައް މަޝްވަރާ ކޮށް އަދި ސަރުކާރު ޖަވާބުދާރީ ކުރާތަނެކެވެ. ކުރުގޮތަކަށް ބުނާނަމަ، ރައްޔިތުންގެ ވެރިކަމެއް ގައުމުގައި ހިިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ތަނެވެ. މިފަދަ މުހިއްމު ތަނެއްގައި ޒުވާނުންގެ ޚިޔާުލުފާޅުކުރުން ވެގެން ދާނީ ވަރަށް ވެސް ބޭނުންތެރި ކަމަކަށެވެ. ގައުމު އިސްލާހުގެ މަގުން ކުރިއަށް ގެންދިޔުމަށް، ހިއްވަރުގަދަ އަދި ކެރިގެން ބަސް ބުނާނެ ޒުވާނުންތަކެއް އެންމެ ކުރީ ސަފުގައި ކޮންމެހެންވެސް ނިކުންނަން އެބަޖެހެއެވެ. ޒަމާނާ އެއްގޮތަށް ގައުމު ކުރިޔަށް ގެންދިޔުމުގައާއި ތަހުޒިބީ މުޖުތަަމައެއް ބިނާ ކުރުމުގައި ޒުވާނުން، އިސް ދައުރެއް އަދާ ކުރަން ޖެހެއެވެ.

އިގްތިސޯދީ ކަންކަމުގައި ޒުވާނުންގެ ވިސްނުން ބޭނުންކޮށްގެން އިތުރަށް ފުރިހަމަ ކުރެވިދާނެ ކަމަށް އަޅުގަނޑު ދެކެމެވެ. މިކަންތައްތައް ހާސިލް ކުރެވެން އޮތީވެސް ކޮރަޕްޓް ނުވާނޭ ފަދަ ގައުމާއި ދީނަށްޓަކައި ކެރިގެން މަސައްކަތް ކުރާނޭ ޒުވާނުންތަކެއް ރައްޔިތުންގެ މަޖިލީހަށް ހޮވައިގެންނެވެ. ކުޅިވަރާއި އިޖްތިމާއީ ދާއިރާ ވަރުގަދަކޮށް ފުރިހަމަ ކުރެވޭނީވެސް ޒިންމާދާރު ޒުވާނުންތަކެއް އެކަންކަމާއިގެން އުޅެގެންނެވެ. ދުނިޔޭގައި ތަހުޒީބުވެފައިވާ ބޮޑެތި ގައުމުތަކުން ކަން ކުރާގޮތް ބަލައި، އެކަންކަމުން އިބުރަތް ހާސިލްކޮށްގެންނެވެ. ގައުމުގެ މިސްރާބު ކަނޑައެޅުމުގައި ޒުވާނުންގެ ހިއްސާ އިތުރުކޮށް، ކިޔަވައިގެން ތިބި ތާޒާ ވިސްނުމުގެ ޒުވާނުން ބޭނުންކޮށްގެން ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވިދާނެކަން ޔަގީނެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަކުރަން ގިނަ ޒުވާނުންތަކެއް ޝައުގެވެރިކަން ފާޅު ކުރުންމީ ގައުމަށް އަންނަ ހެޔޮ ބަދަލެއް ކަމުގައި ދެކި، ގައުމަށްޓަކައި އަދަށްވުރެ ފެހި، ފަހި އަދި ފާގަތި މާދަމާއަކަށް ފަރުދީ ޒިންމާ އަދާކުރުން މުހިންމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *