ސިޔާސީ ނުފޫޒުގެ ވާހަކަ އަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކަށް ބަލައިލި ކަމުގައި ވީނަމަވެސް މިއަދު މާ އައު ވާހަކައަކަށް ނުވެއެވެ. ވަޒީފާ ދޮލަނގަށް އަޅާ ޕާޓީ މީހުންނަށް ވެދުމަށް ދިނުމަކީ ފެންނަންއޮތް ހަގީގަތެވެ. ވަކި ކުލަޔަކަށް ތާއީދު ކުރީތީ ނުވަތަ، ވަކި ބަޔަކަށް ސަނާ ނުކިޔާތީވެ ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުން ދޮރު ދޮށުން ދެމިގަންނަނީ ހަލުވި ކަމާއި އެކުގައެވެ. ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ލިއްބައިދިން ހިނދު، އިންސާނުންގެ ފިކުރާއި ވިސްނުމަކީ ތަފާތު އެއްޗެއްކަން ސީޔާސީ ވެރިންނަށް ހަމަ ނުވިސްނެނީބާއެވެ.

ވަޒީފާގެ މާހައުލުން ސިނާއީ އެކިއެކި މަސައްކަތްތަކަށް ސިޔާސީ ނުފޫޒު ފޯރާކަމީ ހިތާމަހުރި ކަމެކެވެ. އެހެންނަމަވެސް މިކަމުގައި ނަމޫނާ ދައްކަމުން ދަނީ ދިވެހީންނޭ ބުނުމަކީ މުޅިއަކުން ދޮގަކަށް ނުވާނެއެވެ. ކާބޯތަކެތީގެ ކުލައިގެ ސަބަބުން އެތަކެތި އަރުން ނުދިރުމަކީ ފެންނަން އޮތް ހަގީގަތެކެވެ. ގަހުގައި އިންނަ މޭވާގެ ޤުދުރަތީ ރީތި ކުލަ ސިޔާސީ ވިސްނުމުގައި ބަދަލު ކޮށްލުމަކީ މިއަދު އުފަލެއް ކަމުގައި ބައެއް ދިވެހީންނަށް ވަނީ ވެފައެވެ. ސިޔާސީ ގޮތުން ފިކުރު ތަފާތު ވީ ކަމަށްޓަކައި އާއިލާތައް ރޫޅިދާކަމީ ލަދުވެތި ވާންޖެހޭނެ ބޮޑު ހިތާމައެކެވެ.

ފަޚުރެއް ކަމުގައިވި ފަށުވި ރީތި ބައެއް ދިވެހި ލަފުޒުތައް މިއަދު މިވަނީ ސިޔާސީ ޝިކާރަ އަކަށްވެ ކަސްތޮޅު އެޅިފައެވެ. ސިޔާސީ ވަކި ޕާޓީއެއް ރަމްޒުކޮށްދޭ ބަސްބަހަށް ހަދާ ބަހުގެ އަސްލު މާނަ މިއޮތީ އޮޅުވާލައިފައެވެ. "އެއްބުރުން"، "ޔަގީން"، "އެއްލަކިން"، "ޖަޒީރާ"، "ތަރައްގީ"، "ގައިމު"، މިބަސްތަކަކީ މިހާރު ވަކި ޕާޓީއެއްގެ ސިއްކަ އަކަށްވަނީ ވެފައެވެ. މި ކަމުގައި އެންމެ ތާކުންތާކު ނުޖެހޭ ހެއްވާ އެއް ކަމަކީ އިދިކޮޅު ޕާޓީތަކުން ގިނަ ފަހަރު މިގޮތަށް ގަބޫލު ކޮށްގެން ތިބޭކަމެވެ. މަލާމާތް ކުރުމުގެ ރާގުގައި ވެސް ވަކި ޕާޓީ އަކަށް ނިސްބަތްވާ ގޮތަށް މިފަދަ ބައެއް ބަސްތައް ރައްދު ކުރާ އަޑަކީ މިހާރު ކަންފަތް ތަކަށް މާ ބީރައްޓެހި އަޑަކަށް ނުވާނެއެވެ.

ފާހަގަ ކޮށްލެވުނު ބައެއް ލަފުޒުތައް ވާހަކަ ދެއްކުމުގައި ބޭނުން ކުރަން ޖެހޭ ހިނދު، އެބަސް ބޭނުން ކުރަން ފަސް ޖެހުމަކީ ހަގީގަތުގައި މިއަދު މި މުޖުތަމަޢުގެ ހާލަތެވެ. ޑަކުޓަރީ ބޭހެއް ނުވާ ބައްޔަކަށް މިކަން މިއަދު މިވަނީ ވެފައެވެ. ކަމަކަށް ނުވަތަ މީހަކަށް ޔަޤީންކަން ދިނުމަށް "ޔަޤީނޭ" ބުނަން ނުކެރުމަކީ "ޔަޤީން" މި ލަފުޒު ޕާޓީ އަޅަކަށް ވާންޖެހޭނެ އެއްވެސް ސަބަބެއް ނޫނެވެ. އަދި ހަމަ މި ބީދައިން "ޖަޒީރާ" މިލަފުޒަކީ އަރަބި ބަހެކެވެ. ބަހުގެ ލަފުޒީ މާނައަކީ ކުދި ރަށްރަށެވެ. ދުލަށް ރީތި ކިޔައިލަން ފަސޭހަ ބަހެކެވެ. މި ބަހަކީ މިވެނި އެވެނި ސިޔާސީ ޕާޓީއަކަށް ޚާއްޞަވާ ލަފްޒެއް ނޫނެވެ. މި ބަސް ބޭނުން ކުރަން ލަދުވެތި ވާން ޖެހޭނެ އެއްވެސް ސަބަބެއްނެތެވެ. އަހަރެމެންނީ މިނިވަނުންނެވެ. ބަހުގެ މިނިވަންކަމަކީ އިއްޔެއަކު މިއަދަކު ލިބުނު މިނިވަންކަމެއް ނުމެނޫންމެއެވެ.

ހުރަގެއިން ޖާގަ ދެވުނު އަދި ޖާގަ ދެވިފައިވާ ލަފުޒުތަކަށް މިނިވަން ކަން ލިބިދޭން ޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މުސްތަގުބަލުގައި އަންނަން އޮތް ޖީލުތަކުގެ ހައްގުގައި މިދެންނެވި މިނިވަންކަން ލިއްބައި ދިނުމަކީ ފަރުދީ ޒިންމާއަކަށް މިއަދު ހަދަން މި ވަނީ ޖެހިފައެވެ. މިކަމުގައި އިހުމާލު ވެއްޖެ ނަމަ، މި ލޮބުވެތި ދިވެހިބަހަށް ކުރާ އިހްތިރާމާއި ގަދަރު ކުޑަވެ ކުރިމަގުގައި ފެންނާނީ ފޫ ނުބެއްދޭވަރުގެ ގެއްލުމެއްގެ ގޮތުގައެވެ. މިއީ ދެބަސް ނުވެވޭނެ ހަގީގަތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.