ކުދިކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެފައިވާ މި ކުޑަކުޑަ ދިވެހިރާއްޖޭގައި އިހުޒަމާނުއްސުރެ އެންމެ އުނދަގޫ ކަމަކަށް ވެފައި ވަނީ އެއް ރަށުން އަނެއް ރަށަށް ދަތުރުފަތުރު ކޮށް އުޅުމެވެ. ފުރަތަމަ ކަނޑު މަގުން ދަތުރުތަށް ކުރެވުނުއިރު، އެކަން ވެގެން ދިޔައީ އުނދަގޫ ގޮންޖެހުންތަކެއް ހުރި ބޮޑު ކަމަކަށެވެ. ނަމަވެސް ޒަމާން ބަދަލުވެ، މިއަދު ވައިގެ މަގުން ދަތުރު ކޮށްލުން މިއޮތީ ވަރަށްވެސް ފަސޭހަ ކަމަކަށް ވެގެން ގޮސްފައެވެ. އެގޮތުން ގިނަ ރަށްތަކެއްގައި ވައިގެ ބަނދަރުތަކެއް ހަދައި ދަތުރުފަތުރުގެ ނިޒާމުން މި ޖަޒީރާ ރާއްޖެ ގުޅައިލުމަށް ވަރަށް ގިނަ މަސައްކަތް ތަކެއް ކުރެވުނެވެ. އިސްވެދިޔަ ހުރިހާ ސަރުކާރަކުންވެސް މި މަސައްކަތަށް ބޮޑު އަހައްމިޔަތު ކަމެއް ދިންނަމަވެސް، އަދާ ޖެހެންދެންވެސް އެ ނިޒާމު ފުރިހަމަ ކުރެވިފައިވާ ތަނެއް ނުފެނެއެވެ. އެތެރޭގެ އުދުހުންތަކުގެ އަގުތަށް ބޮޑުވެ ރައްޔިތުންނަށް ޖަހާ ޖޯކަކަށް އެކަން ވެގެން ދިޔައެވެ. ސަބަބުތައް ބައިވަރެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަން އެއާލައިންގެ އެތެރޭގައި ހުރި ކޮރޮޕްޝަނާއި ދޯދިޔާ ސިޔާސަތުގެ ވާހަކަ އެވެ.

  • ގައުމީ އެއާލައިން އަކަށް މޯލްޑިވިއަން ހަމަޖެއްސުނީ ކީއްވެ؟

ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ބޭނުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2009 ވަނަ އަހަރު "މޯލްޑިވިއަން"، "ގައުމީ އެއާލައިން" އެއްގެ ގޮތުގައި ހަމަޖެއްސީ ރައްޔިތުންނަށް ފަސޭހަ، އަގުހެޔޮ ޚިދުމަތެއް ދިނުމުގެ ބޭނުމުގައެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ވެފައި އެތައް ސަބްސިޑީއެއް މޯލްޑިވިއަން އަށް ލިބޭނެތީއާ ރައްޔިތުންނަށް ޚިދުމަތެއް ދޭ ކުންފުންޏަކަށް ވުމާއިއެކު މޯލްޑިވިއަން ގެ ޓިކެޓް ތަށް އަގުހެޔޮ ވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މުހައްމަދު ނަޝީދުގެ ވެރިކަމަށް ފަހު އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވެރިކަމާއި ހަވާލުވެވަޑައިގެންފަހުން މިކަން ބަދަލުވެގެން ދިޔައެވެެ. ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި މޯލްޑިވިއަންގެ ޓިކެޓްގެ އަގުތައް ބޮޑުވެގެން ދިޔައީ ރައްޔިތުންނަށް ކުޅަދާނަ ވާ ވަރަކަށެއް ނޫނެވެ. ކިތަންމެ ބައިވަރު އެއާޕޯޓުތަކެއް ހެދި ކަމުގައިވީ ނަމަވެސް ރައްޔިތުންގެ އަތްނުފޯރާފަށަށް ޓިކެޓްގެ އަގުތަށް އަރައިގެން ދިއުމުންް އެނގެނީ އެކަން ފެއިލްވެ މަގްސަދު ހާސިލް ނުވިކަމެވެ.

  • ޓިކެޓްގެ އަގުތަށް ބޮޑުވީ ކުންފުނީގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން

މޯލްޑިވިއަން އެއާލައިނުން ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމުގެ ނަމުގައި މަސައްކަތްތަކެއް ފެށިކަމުގައިވީ ނަމަވެސް، ޓިކެޓްގެ އަގުތައް ބޮޑުވީ އޭރުގެ ސަރުކާރާއި، މޯލްޑިވިއަންގެ މެނޭޖްމެންޓްގެ ދޯދިޔާ ކަމުންނެވެ. އޭވިއޭޝަން ދާއިރާގެ މާހިރުން ވިދާޅުވާގޮތުގައި ގައުމީ އެއާލައިނަކަށް ވުމާއިއެކު މޯލްޑިވިއަން އަށް އެކި ކަހަލަ ސަބްސިޑީސްތަކާއި، ފައިދާތައް ލިބޭއިރުވެސް އަގުތައް ކުޑައެއް ނުވެއެވެ. ޚިދުމަތް ދެނީ މާ ބޮޑު އަގެއްގައެވެ.

"މޯލްޑިވިއަން" އިން ދޭ ޚިދުމަތުގެ އަގުތައް ކަނޑައެޅުމުގައި ވަކި ރެވެނިއު މެނޭޖްމަންޓް ނިޒާމަކަށް އަމަލު ކުރަމުން އަންނަ އިރުވެސް އަގުތަށް އެހާ ބޮޑުވާންވީ ސަބަބުތަކުގެތެރޭގައި އެކަމަށް އިސްކޮށް އުޅުއްވި ބޭފުޅުންގެ ޤާބިލްކަން ނެތުމަކީ ފާހަގަކޮށްލެވޭކަމެކެވެ. ކޮރޮޕްޝަނަށް މަގުފަހިވާ ގޮތަށް އަގުތައް ހިތު ހުރިހައި ގޮތަކަށް ކަނޑައަޅާފައި ހުރުމަކީ ހަމަ ޔަގީނުންވެސް އެ ބޭފުޅުންގެ ޤާބިލްކަން ނެތްކަން ދޭހަވާ ސަބަބެކެވެ. އަދި އޭރުގެ ސަރުކާރުން މިކަންކަން މޮނީޓާކޮށް ހައްލު ހޯދަން މަސައްކަތް ނުކުރުމީ އެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އޮތްކަން ދޭހަވާ ކަމެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގެ ނުފޫޒުން މޯލްޑިވިއަންއަށް ވަނީ ވަރަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބިފައެެވެ. އެގޮތުން 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުތަކަށް އަބްދުﷲ ޔާމިންގެ ޕާޓީ "ޕީ.ޕީ.އެމް" އިން މޯލްޑިވިއަންގެ ބޯޓުތަކުން ކުރި ޗާޓަރު ދަތުރުތަކުގެ ޚަރަދަށް ޖުމުލަ 4.8 މިލިއަން ރުފިޔާ އަރައެވެ. އެ ފައިސާ ނުދައްކައިގެން މޯލްޑިވިއަންއިން ވަނީ ފައިސާ ހޯދައިދިނުމަށް އެދި އިލެކްސަންސް ކޮމިޝަނަށް ސިޓީއެއްވެސް ފޮނުވައިފައެވެ.

  • އާ ސަރުކާރުން ވަނީ މޯލްޑިވިއަންގެ އަގުތަކަށް ބަދަލު ގެނެސް އެތަން އިސްލާހު ކުރާނެ ކަމަށް ވައުދުވެފައި

2018 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރައީސް ކަމަށް ހޮޮވިވަޑައިގެން އިބްރާހިމްް މުހައްމަދު ސޯލިހް ވަނީ މޯލްޑިވިއަން އެއާލައިންގެ އަގުތައް ތިރިކޮށް އެތަން އިސްލާހު ކުރާނެ ކަމަށް ވައުދުވެ ވަޑައިގަންފައެވެ. މި ވައުދު ފުއްދުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. ސަބަބަކީ ރާއްޖޭގެ އެކި ރަށްރަށުން މީހުން މާލެ އަންނަން ޖެހޭ މިންވަރު އިތުރުވެފައި ވާތީއެވެ. ރައްޔިތުންނަށް އަގުހެޔޮކޮށް ފަސޭހައިން ދަތުރުފަތުރު ކުރުމުގެ ހައްގު ލިބެންޖެހެއެވެ. ކޮންމެ ރަށެއްގައި ވައިގެ ބަނދަރެއް ހެދި ކަމުގައިވީ ނަމަވެސް ދަތުރުކުރެވޭނެ އަގު ކުޑަ ނުވާނަމަ އެ ބަނދަރުތަކުގެ ބޭނުމެެއް ނެތެވެ. އަގުތައް ކުޑަ ނުކުރެވިއްޖެނަމަ، ނިކަމެތި ރައްޔިތުމީހާ ޚިޔާރުކުރަން މަޖުބޫރުވާނީ ހަމަ ކަނޑުމަގުން ދަތުރުކުރުމެވެ. ޒަމާނާ އެއްގޮތަށް ގައުމުގެ ވަސީލަތްތައް ފައްކާކުރިޔަސް ރައްޔިތުންނަށް އޭގެ ބޭނުން ކުރެވޭނެ މަގު ތަނަވަސް ކޮށްދޭށެވެ. އޭރުން އެންމެންވެސް އުފާ ކުރާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.