ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެވޭ އެންމެ ދޮށީ އުމުރަކީ 65 އަހަރު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިިންމި ނިންމުން ބާތިލް ކުރުމަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ހުށަހެޅުއްވި ބިލް ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ކޮމިޓީއަކަށް ފޮނުވައިފިއެވެ. ފަސް މެމްބަރުން އެކުލެވޭ ޚާއްސަ ކޮމިޓީއަކަށް ބިލް ފޮނުވައިފައި ވަނީ އިތުރަށް ދިރާސާ ކުރަމަށްޓަކައެވެ. 

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު އެ ބިލާ ބެހޭގޮތުން ބަހުސް ކުރުމަށް ފަހު ބިލް ވަގުތީ ކޮމިޓީއަކަށް ފޮނުވަން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދެވެ. މި ހުށަހެޅުއްވުމަށް ތާއީދުކޮށް މަޖިލީހުގައި އޭރު ތިއްބެވި 56 މެމްބަރުންގެ ތެރެއިން 53 މެމްބަރަކު ވަނީ ވޯޓު ދީފައެވެ. ވަކި ކޮޅަކަށް ތާއީދު ނުކޮށް ތިން މެމްބަރަކު ތިއްބެވިއެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލަަވާލި ވަގުތީ ކޮމިޓީގައި ހިމެނެނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އާއި، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އާއި، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު އާއި، މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު އަދި އިސްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 65 އަހަރުން މަތީ މީހުންނަށް ވާދަ ނުކުރެވޭ ގޮތަށް ޤާނޫނުއަސާސީ ގެ 109 ވަނަ މާއްދާ ބަދަލު ކުރި ކުރުން ނިމުމަކަށް ގެނަައުމަށްޓަކައި ބިލްގެ ބަހުސް މިއަދަށް އެޖެންޑާ ކުރުމުން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ޤާނޫނުއަސާސީއަށް ބަދަލުތަށް ގެންނަން އަދި އަވަސް ކަމަށް ބުނެ އެކަމަށް ފާޑު ވިދާޅުވެފައެވެ.

ޤާނޫނުއަސާސީގައި ކުރިން އޮންނަނީ ރައީސް ކަމަށް ކުރިމަތިލުމުގެ އެންމެ ހަގު އުމުރަކީ 35 އަހަރު ކަމަށް ކަންޑައަޅައިފައެވެ. އެގޮތަށް ޤާނޫނުއަސާސީ ބަދަލުކުރަން މެމްބަރު އަލީ އާރިފް ހުށަހެޅުއްވީ އެ މާއްދާގައި އެންމެ މަތީ އުމުރެއް ކަނޑައަޅާފައި އޮތް ބައި އުނިކުރުމަށެވެ. 

"ކުރިން އޮތް ގޮތަށް ބަދަލު ކުރަން ނިންމީ މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި ހިނގައިދިޔަ ސިޔާސީ ކަންކަމަށް ބަލާފައި، މިހާރު އެ މާއްދާ އޮތް ގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ" އާރިފް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.