"މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސައްތައިން ސައްތަ ސަރުކާރު ޙިއްޞާވާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހު މިއަދު އުފައްދަވައިފިއެވެ.
ރައީސް މި ކުންފުނި އުފައްދަވާފައި ވަނީ ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 95 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ.
ރައީސް އޮފީހުން ވިދާޅުވީ، މިއަދު އުފެއްދި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ އެކި ސިނާޢަތްތަކުގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްޓަކައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ފަސޭހައިން އިންވެސްޓް ކުރެވޭފަދަ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން އުފެއްދި ކުންފުންޏެއް ކަމަށެވެ.
މީގެ އިތުރުން މި ކުންފުންޏަކީ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި، ސަރުކާރު މެދުވެރިކޮށް ޕްރައިވެޓް ސެކްޓަރ އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، ޤައުމުގެ މުއްސަނދިކަން އިތުރުކުރުމަށްޓަކައި، ކުރެވޭ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތައް އިތުރުކުރެއްވުމަށްޓަކައި، ލިބޭ ނަފާއާއި ނަގަންޖެހޭ ރިސްކުތައް މެނޭޖުކުރެވޭފަދަ އިންތިޒާމެއް ޤާއިމް ކުރުމަށް އުފެއްދެވި ކުންފުންޏެއް ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
ރައީސް ޞޯލިހު ވެރިކަމަށް އައިސް ވަނީ އެސްއެމްއީ ބޭންކެއްވެސް ހުޅުވައިފައެވެ. އެ ބޭންކުގެ މަގުސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމެވެ.