ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން އެކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.

އެކަން ހާމަކުރައްވާ ސުއޫދުވަނީ އޭނާއަށް ކޯޓުން ފޮނުވައިފައިވާ ޗިޓު ޓުވީޓިކޮށްފައެވެ. އެ ޓުވީޓުގައި ސުއޫދު ވިދާޅުވެފައިވަނީ އެ ޗިޓުގައި ބުނެފައިވާ ގަޑިއަށް ހާޒިރުވާނެ ކަމަށެވެ. އަދި ޖުޑިޝަރީ އިސްލާހު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަަމަށާއި ކުޑަކޮށްވެސް ފަހަތައް ނުޖެހޭނެ ކަމަށެވެ.  

ރޭ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ފާޑުވިދާޅުވެ، އެ ފަސް ފަނޑިޔާރުން ވެސް ވަކި ކުރަން ޖެހޭ ކަމަށް ސުއޫދު ވިދާޅުވިއެެވެ.

އެކަމާ ގުޅިގެން އިއްޔެ ސުޕްރީމް ކޯޓުން ބުނީ ސުއޫދު ދެއްކެވ ވާހަކަތަކާއި ގުޅިގެން ކޯޓު ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދާއި ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާ ބެހޭ ގަވާއިދުގެ ދަށުން އެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.

ސުއޫދަކީ ސުޕްރީމް ކޯޓުން އެންމެ ގިނައިން ސަސްޕެންޑް ކުރާ އެއް ވަކީލެވެ. މީގެކުރިން ވެސް އެކި ފަހަރު މަތިން އޭނާ ސަސްޕެންޑްކޮށްފައިވެ އެވެ. ސުއޫދަކީ ޝަރުއީ ދާއިރާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އިސްލާހު ކުރުމުގެ ވާހަކަ ގިނައިން ދައްކަވާ ބޭފުޅެކެވެ.

ސުއޫދު މިދިޔަ ހޯމަ ދުވަހު ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ދަށު ކޯޓުތަކުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ބަދަލު ކުރަން ޖެހޭ ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިތުބާރެއް ނެތް ކަމަށް ސުއޫދު ވިދާޅުވި އެވެ. އެއީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ކަމަށް ވެސް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ސުއޫދަށް ފޮނުވި އެއަމުރުގައި ވަނީ މިއަދު މެންދުރު 1:15 އަށް އެ ކޯޓަށް ހާޒިރުވުމަށް އަންގާ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *