ސްރީލަންކާގެ އެކި ސަރަހައްދުތަކަށް އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 359 އަށް އަރައިފި ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ ހަމަލާތަކުގައި ޒަހަމްވި 400 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލުތަކުގައި މިހާރުވެސް ދަނީ ފަރުވާ ހޯދަމުންނެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށްވެސް ރިޕޯޓްތައް ބުނެފައިވެއެވެ.
ލަންކާގެ ފުލުހުން މިއަދު ބުނީ ބޮމުގެ ހަމަލާތަކާއި ގުޅިގެން ރޭ 18 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިހާތަނަށް މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުންގެ އަދަދު ވަނީ 58 އަށް އަރައިފައެވެ.
ލަންކާގެ ރައީސް މަތިރިޕައްލަ ސިރިސޭނަ ވަނީ ބޮމުގެ ހަމަލާތައް ދިނުމަކީ ސަލާމަތީ ބާރުތަކުގެ އިހުމާލުން ހިނގާ ދިޔަ ކަމެއް ކަމަށް ވިދާޅުވެ، މިއަދު އެގައުމުގެ ސަލާމަތީ ބާރުތަކުގެ ވެރިން މަގާމުން ދުރުކުރާނެ ކަމަށް ވިދާޅުވެފައެވެ.
ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގެ ޒިންމާ ހައްދުފަހަނަ އަޅައިފައިވާ އައިއެސް ޖަމާޢަތުން މިހާރު ވަނީ އުފުލާފައެވެ.