އެއްފަހަރު ބޭނުންކޮށްލުމަށްފަހު އެއްލާލެވޭ ޕްލާސްޓިކް ކޮތަޅު ނުވަތަ ސިންގަލް-ޔޫޒް ޕްލާސްޓިކް ކޮތަޅަކީ މިއަދު މުޅި ދުނިޔެއަށްވެސް ތިމާވެށިގެ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ޕްލާސްޓިކް ކޮތަޅުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ތިމާވެށީގެ ތެރެއިންވެސް މޫދަށާއި އެތާގައި ދިރިއުޅޭ މަސްމަހާއި މެއްސާއި ޖަނަވާރުންނަށެވެ.

ދިވެހި ރާއްޖޭގެ ބޮޑު ސަރަހައްދަކީ ކަނޑު ކަމަށްވުމުން، ކަނޑަށް ލިބޭ ކޮންމެ ގެއްލުމެއް ވާނީ ދިވެހިންނަށް ކުރިމަތިވާ ބޮޑު ނިކަމެތިކަމަށެވެ. ހަގީގަތުގައިވެސް ކަނޑަކީ ދިވެހިންނަށް ލިބިފައިވާ ބޮޑު، އަގުހުރި ނިޢުމަތެކެވެ. ދުނިޔޭގެ ބޮޑު އާބާދީއެއްގެ މީހުންނަށް މި ނިޢުމަތުގެ ފޮނިކަން އިހުސާސްކުރުމުގެ ފުރުސަތު ނުލިބެއެވެ. ނުވަތަ ލިބެނީ ވަރަށް މަދުންނެވެ. އެއީ ވެސް ބޮޑު އަގެއް ދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ހޭދަކުރުމަށްފަހުގައެވެ. އެހެންކަމުން ދިވެހިންނަށް ލިބިފައިވާ މި އަގުބޮޑު ނިޢުމަތަށް ގެއްލުން ލިބޭ ހާލަތެއްގައި އެކަމަށް ހައްލެއް ގެންނަން ވިސްނައި ފިކުރުކޮށް، މަސައްކަތްކުރުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ފަރުދީ ޒިންމާއަކަށް ހަދަން އެބަ ޖެހެއެވެ.

ޕްލާސްޓިކް ކޮތަޅު އެންމެ ޢާންމުކޮށް ބޭނުންކުރެވެނީ ކަންމަތީ ފިހާރަތަކުގަައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކިތަންމެ ކުޑަ އެއްޗެއް ގަތްކަމަށް ވިނަމަވެސް އެންމެ ފުރަތަމަވެސް ބަލާނީ ޕްލާސްޓިކް ކޮތަޅަކަށް އެ ލެވޭތޯއެވެ. މިފަދަ ޕްލާސްޓިކް ކޮތަޅުތަކަކީ ތުނި އެއްޗެހި ކަމުންނާއި މި ނޫންވެސް ސަބަބުތަކާއި ހުރެ ކޮތަޅު ހަލާކުވުމުން އެ ކޮތަޅު ޖެހޭނީ އެއްލާލާށެވެ. އެއްލާލުމުން އަނެއްކާވެސް ތިމާވެއްޓަށް އެ ދޫކޮށްލެވުނީ އާ ނުކުރެވޭ، އަލުން ބޭނުމެއް ނުހިފޭ އެއްގޮތަށްވުރެއ ގިނަ ގޮތްގޮތުން ތިމާވެއްޓަށް ގެއްލުން ދޭ އެއްޗެކެވެ.

ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ބައެއް ބޮޑު ފިހާރަތަކުން، ޚާއްސަކޮށް އަންނައުނު ފަދަތަކެތ ވިއްކާ ފިހާރަތަކުން ދޫކޮށް އުޅެނީ ކަރުދާސް ކޮތަޅުނުވަތަ ފޮތި ކޮތަޅެވެ. މިފަދަ ކޮތަޅުވެސް މިއީ ބަލިކަށި އެއްޗެއް ކަމުން އަބަދު ނުވަތަ ގިނަ ދުވަހު ގެންގުޅުން ވާނީ ވަރަށް ދަތި ކަމަކަށެވެ. އެހެންކަމުން މި ނޫން ދިމާލަކަށް ވިސްނައި އެހެން ހައްލެއް ހޯދަން މަސައްކަތްކުރަން އެބަ ޖެހެއެވެ. ކޮންމެ ގެއެއްގެ މީހުންވެސް އެމީހުންގެ އަމިއްލަ ބާޒާރު ކޮތަޅު ފޮތިން ފަހައިގެން ބޭނުން ކުރުމަކީ ކުރެވިދާނެ ކަމެކެވެ.

އަމިއްލައަށް ފޮތި ގަނެގެން ނުވަތަ ގޭގައި އުކާލަން ވެފައިހުރި އަންނައުނުގެ ފޮތި ބޭނުންކޮށް ބޭނުން ސައިޒެއްގެ ކޮތަޅެއް ފަހައިގެން ބޭނުން ކުރުމަކީ ކޮންމެ މީހަކަށް ވިނަމަވެސް ކުރަން ދަތި ކަމަކަށް ނުވާނެކަން ޔަގީނެވެ. މިފަދަ 5 ވަރަކަށް ކޮތަޅުން ވެސް ގޭގެ ބާޒާރުކުރަން ބޭނުންކުރުމަށް ފުދޭނެ ކަންނޭނގެއެވެ. ދެން ހަމަ އެ ކޮތަޅުތައް ހަޑިވުމުން ނުވަތަ ދައު ވުމުން ދޮވެގެންވެސް ބޭނުން ކުރެވިދާނެއެވެ. ހަމަ ޔަގީނުންވެސް ޕްލާސްޓިކް ކޮތަޅު ބޭނުންކޮށްގެން ދިވެހިންނަށް ލިބޭ ގެއްލުމަށްވުރެ މާ ފައިދާ ބޮޑު ގޮތެއް ކަމަށް މި ގޮތް ވެގެންދާނެއެވެ.

މިފަދަ ކަންކަމަކީ އެންމެންގެ ވެސް އެއްބާރުލުން ބޭނުންވާނެ ކަންކަމެވެ. ކޮންމެ މީހަކަށްވެސް ފުރަތަމަ މިަފަދަ ކަމެއް ކުރަން ފަށައިގަތުން އާ ކަމަކަށް ވިޔަސް އެންމެން މިފަދައިން އަމަލުކުރަން ފަށައިފިނަމަ ދިވެހިރާއްޖެ ތިމާވެއްޓާއި ރައްޓެހި، ފެހިތަނަކަށް ވެގެން ދާނެކަން ކަށަވަރެވެ.

ޕްލާސްޓިކް ކޮތަޅުން ތިމާވެއްޓަށް ލިބޭ ބައެއް ގެއްލުން

ޕްލާސްޓިކަކީ ނޮން-ރިނިއުވަބަލް އެއްޗެކެވެ. ޔައުނީ ޕްލާސްޓިކް ކޮތަޅަކީ އަލުން އޭގެ ބޭނުން ނުހިފޭ ނުވަތަ އާ ނުކުރެވޭ އެއްޗެކެވެ. ޕްލާސްޓިކް ކޮތަޅު އަލްޓްރާ ވައިލެޓް ރޭޑިއޭޝަން އަށް ލެވިއްޖެނަމަ އެއިން ވައިގެ ތެރެއަށް ނުރައްކާތެރި ވިހަގަދަ ގޭސްތައް ދޫކުރެއެވެ. މި ގޭސްތަކަކީ އިންސާނުންނަށާއި ތިމާވެއްޓަށް ވަރަށް ގެއްލުންދޭ ގޭސްތަކަކެވެ. (އަވީގައިވެސް މަދު މިންވަަރަކަށް އަލްޓްރާ ވައިލެޓް ރޭޑިއޭޝަން އެކުލެވިގެންވެއެވެ.)

ޕްލާސްޓިކް ނައްތާލުމަކީވެސް ވަރަށް ދަތިކަމެކެވެ. އަމިއްލައަށް ޕްލާސްޓިކް ނެތިދާން އެތައް ހާސް އަހަރުތަކެއް ނަގާއިރު، ޕްލާސްޓިކް އަންދައިިގެން އެ ނައްތާލުމަކީވެސް ވަރަށް ނުރައްކާތެރި ވިހަގަދަ ދުންތައް ޖައްވަށް ދޫކުރެވޭ ކަމެކެވެ. ޕްލާސްޓިކް އުފައްދަން ބޭނުންކުރެވިފައިވާ ބައެއް ޑައިތަކުގެ ސަބަބުން ފަސޭހައިން ކާނާ ހަލާކުކޮށް، އެއަށް ގެއްލުން ދިނުމުގެ ބާރު ޕްލާސްޓިކަށް ލިބިގެންވެއެވެ.

މީގެ އިތުރުން ޕްލާސްޓިކް ކޮތަޅުތައް ފަރުގައިވާ މުރަކަތަކާއި ގާތަކުގައި އެޅުމުގެ ސަބަބުން އެތަކެތި މަރުވުމަކީ ވެސް ޢާންމު އުނދަގުލެކެވެ. މީގެ ސަބަބުން ދިވެހިރާއްޖޭގެ ވެސް ރީތި ފަރުތަކާއި މުރަކަތަކުގެ ބޮޑުބައި ވަނީ މަރުވެފައެވެ. ބާކީބައި އަންނަނީ މަރުވަމުންނެވެ. މީގެ އިތުރުން މޫދުގައި ދިރިއުޅޭ ބޮޑުމަހާއި ވެލާ ފަދަ ދިރޭ ތަކެތިވެސް އަންނަނީ ޕްލާސްޓިކް ފަދަ ތަކެތި ކެއުމުގެ ސަބަބުން އެތަކެތި ކަރުގައި ތާށިވެ، މަރުވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.