ރައްދެބައި މަގުންދިޔަ ލަންކާ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގަން މީހަކު އަތުލައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިރޭ 20:40 ހާއިރު މަޖީދީ މަގު ރައްދެބައި މަގު ކުރިމަތިން ދިޔަ ލަންކާ އަންހެނެއްގެ ކަރުގައި އޮތް ރަންފަށެއް ފޭރިގަން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ. ފުލުހުން އިތުރަށް ވިދާޅުވީ، ރަން ފަށް ފޭރިގަން މީހާ އަތުލާފައިވަނީ އެވަގުތު، އެސަރަހައްދުގައި ހުރި ފުލުހަކާއި އާއްމު ބައެއްގެ މަސައްކަތުން ކަމަށެވެ.
ރަން ފަށެއް ފޭރިގަން މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، 24 އަހަރުގެ ދިވެހި ފިރެހެނެކެވެ. އަދި އެމީހާ ފައް ފޭރިގަތުމަށް ފަހު ފިލަން ދުވަން އުޅުމުގެ ތެރޭގައި ވަނީ މަގުމައްޗަށް ވެޓުނު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން އިތުރަށް ވިދާޅުވީ، މިހާރު އެ ރަން ފައް ވަނީ އޭގެ ވެރިފަރާތާއި ހަވާލު ކޮށްފައި ކަމަށެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް މިދުވަސްކޮޅު ދަނީ ފޭރުމާއި ވައްކަމުގެ އެކި ހާދިސާތައް ހިންގަމުންނެވެ.