ކ. އަތޮޅު ގުރައިދޫ އާއި އެއްފަޅެއްގައި އޮންނަ ރަށެއް ކަމަށްވާ ލޮސްފުށީގެ ފުއްޓަރާއި ދިމާލުން އެކަނި މޫދަށް އެރި އުޅުނު ޗައިނާ ފަތުރުވެރިއެއް އޮޔާއި ދަނިކޮށް ޑައިވިންގް ދޯންޏަކުން ސަލާމަތް ކޮށްފިއެވެ.

މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އުމުރުން 28 އަހަރުގެ އެ ފިރެހެން ފަތުރުވެރިޔާ އޮޔާއި ދަނިކޮށް ނަގައި ސަލާމަތް ކޮށްފައިވަނީ، ކަނޑޫމާ ރިސޯޓްގެ ޑައިވިންގް ދޯންޏަކުން ކަމަށެވެ. އަދި އެ ފަތުރުވެރިޔާ މިހާރު ވަނީ ކަނޑޫމާ ރިސޯޓް އަށް ގެންގޮސްފައި ކަމަށާއި، ފުރަތަމަ އެމީހާއަށް އެހީތެރި ވުމަށް އެދޯނިން މަސައްކަތް ކުރުމުން އެ ފަތުރުވެރިޔާ ވަނީ، ދޯންޏަށް އަރަން ދެކޮޅު ހަދާފައި ކަމަށެވެ. އަދި އެންމެ ފަހުން އެމީހާ އެހާލުގައި ދޫކޮށްފައި ނުދާނެ ކަމަށް އެ ދޯނިން ބުނުމުން އެމީހާ އެދޯންޏަށް އެރި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އެ ހާދިސާގައި ފަތުރުވެރިޔާއަށް އެއްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށާއި ނަމަވެސް، ދޯންޏަށް އެރުވި އިރު އެމީހާ އޮތީ ވަރުބަލި ވެގެން ނޭވާ ކުރުވެފައި ކަމަށެވެ. އަދި އެމީހާ އެ ޑައިވިންގް ދޯންޏަށް ފެންނި އިރު އޮތީ ލައިފް ޖެކެޓެއް އަޅައިގެން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންނަށް އެމައްސަލަ ރިޕޯޓް ކުރުމާއި ގުޅިގެން ފުލުހުން ވަނީ މިހާރު ކަނޑޫމާ ރިސޯޓަށް ގޮސް، އެ ފަތުރުވެރިޔާ އާއި ވާހަކަ ދެއްކުމަށް ފަހު އެމީހާ ގުރައިދޫގައި ހުރި ގެސްޓް ހައުސް އަށް ގެންގޮސްދީފައެވެ. އަދި ފުލުހުން ވަނީ ގުރައިދޫގައި އެ ފަތުރުވެރިޔާ ހުންނަ ގެސްޓް ހައުސްގެ މެނޭޖްމެންޓާއި ވެސް ވާހަކަ ދައްކާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.