މިދުނިޔެ އަކީ ވަގުތީ ތަނެކެވެ. މި ވަގުތީ ދުނިޔޭގެ އަރާމު ތަކާއި އުފާތައް ހާސިލުކުރުމުގައި އަވަދިނެތި އުޅޭ އިރު މިނޫން ދުނިޔެ އެއް ވާކަން ހަނދާން ނުވަނީ ހެއްޔެވެ؟ މިނޫން އެހެން ދުވަހެއް އަދި އަޅުގަނޑުމެންނާއި ބައްދަލުކުރާނެ ކަން ހަނދާން ނެތުނީ ތޯއެވެ؟ ތިބާ މިވަގުތު ކަޑައްތު ކުރަމުން ތިދަނީ ތިބާގެ ދިރިއުޅުމުގެ އެންމެ ފަހު ސިކުންތުކޮޅު ކަމަށްވެސް ހަމަ ވެދާނެއެވެ. މިދުނިޔެ އަކީ އަރަަތެއް ކަހަލަ ތަަނެކެވެ. ތިބާ ކިތަންމެ ވަރަށް މަސައްކަތް ކުރި ކަމުގައި ވީނަމަވެސް މި ދުނިޔެއިން ތިބާ އާއި ބައްދަލުކުރާނީ އާ ކަންތައްތަކެވެ. މި ވަގުތީ މާހައުލަށް ނޭވާ ދޫކޮށްލާ ކޮންމެ ދުވަހަކު ތިބާއަށް ލިބޭނީ އާ ތަޖްރިބާ ތަކެކެވެ.
މިވަގުތީ ދުނިޔޭގެ އަވާގައި ނުޖެހޭށެވެ. މިތާ ކިތަންމެ ވަރަކަށް ފައިސާއާއި މުދާ އެއްކުރި ކަމުގައި ވީނަމަވެސް ވާނެ ފައިދާއެެއް ނޯންނާއެވެ. މާދަމާވެސް ލޯ މަރާލަން ޖެހިއްޖެނަމަ އެއްކޮށްފައިވާ އެއްވެސް މުދަަލަކުން ތިބާއަކަށް ފައިދާއެއް ނުކުރާނެއެވެ. ތިބާ ކިތަންމެ ވަރަކަށްވެސް މަތި މައްޗަށް އިމާރާތްތައް ބިނާކޮށްފައި ވިއަސް، މާދަމާވެސް މަރުވިއަސް ވަޅުލާނީ އެންމެ ފަގީރު މީހާ ފަދައިން ހުދު ކަފުނުގައި ބިމުގެ އަޑިގައެވެ. ދުނިޔޭގެ އަރާމާއި ލައްޒަތުގެ ބޭނުމުގައި އުމުރު ހުސްކޮށްނުލާށެވެ. ދުނިޔެ މަތިން ތިބާ ބޭނުންވާކަމެއް ހާސިލު ނުވުމުން މާޔޫސް ނުވާށެވެ. މިއީ ވަގުތީ އުފަލަކާއި ހިތްހަމަޖެހުމެއްކަން ދަންނާށެވެ. ބައްދަލުކުރަނީ ވަގުތީ ހިތާމަތަކެއްކަން ޔަޤީންކުރާށެވެ. މި ވަގުތީ ދުނިޔޭގެ އަވާގައިޖެހި އެ ދުނިޔެ ދޫކޮށްނުލާށެވެ.
އަޅުގަނޑުމެން މަސައްކަތް ކުރަންވީ މިދުނިޔޭގައި މުދަލާއި ފައިސާ އެއް ކުރާކަށް ނޫނެވެ. އަޅުގަނޑުމެން އަވަސް ވެގަންނަންވީ އަޖަލު ޖެހުމުގެ ކުރިން އަޅުގަނޑުމެންގެ ހެޔޮ އަމަލުތަކުގެ ތިލަފަތް ބަރު ކުރެވޭތޯއެވެ. އަޒުމަކަށް ހަދަންވީ ސުވަރުގެއިން މަތިވެރި މަގާމެއް ޔަޤީން ކުރުމަށެވެ. ނަމާދެއް ކުރުމެއްނެތި، ގުރުއާނުގެ އަކުރެއް ކިޔެވުމެއް ނެތި މަޖާކުރުމުގައާއި ފާހިޝް އަމަލުތަކަށް އަރައިގަތުމުގައި ދިރިއުޅުން ބޭކާރު ކޮށްލާއިރު ތިބާ މާދަމާވެސް މަރުވެދާނޭ ހިތަށް ނާރަނީ ހެއްޔެވެ؟ އިސްލާމު ދީނުގައި ހަރާމް ކުރައްވާފައިވާ ފާފަތަކަށް ބިރެއް ނެތި އަރައިގަންނަ އިރު، ތިބާ ދުނިޔޭގައި ކުރާ އަމަލުތަކާއި ބެހޭ ގޮތުން ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެ ކަން ހަނދުމަ ނެތީ ތޯއެވެ؟
ތިބާ ހީ ސަމާސާކޮށް، ހެޔޮ އަމަލެއް ކުރުމެއްނެތި އުޅޭއިރު، ތިބާގެ ހިޔަނި ފަދައިން ތިބާގެ އަޖަލުވެސް ތިބާއާއި ގާތުގައި ވާކަން ހަނދުމަނެތި ކޮށްލަނީ ހެއްޔެވެ؟ އޭ އަޚާއެވެ. މިދުނިޔޭގެ އުފަލާއި އަރާމު ހޯދުމުގެ ނިޔަތުގައި، މި ބިލާހެއް ފަދަ ދުނިޔެ ދައްކާ ކުލަތަކުގެ އަވާގައި ނުޖެހޭށެވެ. ވަގުތު ފާއިތު ނުވަނީސް އަދި ތިބާގެ އަޖަލު ނުޖެހެނީސް، ހެޔޮ އަމަލު ކުރުމަށް އަވަސްވެ ގަންނާށެވެ. ތިބާ މިރޭ ނިދާފައި، މާދަމާގެ އަލިކަން ދެކުމުގެ ނަސީބުވެސް ތިބާގެ ތަގްދީރުގައި ވާކެމެއް ނޭނގޭނެއެވެ. ފަރުވާ ކުޑަކޮށް ﷲ މަގުގައި ތަގުވާވެރިވުން ލަސް ނުކުރާށެވެ. ވަގުތު ފާއިތު ނުވަނީސް، ތިބާއަށް ކުރެވިފައިވާ ކުށް ފާފަތައް ފުއްސެވުމަށް އެދި ﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވާށެވެ. ތިބާ މާދަމާވެސް މަރުވެދާނެއެވެ.