ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލި ހާދިސާ އަށް ދެއަހަރު ވުމާއި ގުޅިގެން މިއަދު ބޭއްވި ހާއްސަ ހިނގާލުމުގައި ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ބައިވެރިވެ ވަޑައިގަންނަވާފިއެވެ.
މިއަދު ހަވީރު ބޭއްވި އެ ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ، ރަސްފަނުން ފެށިގެން އާޓިފިޝަލް ބީޗާ ހަަމައަށެވެ. ރައީސް ޞާލިހު ވަނީ އެހިނގާލުން ނިމެންދެން މަޑުކުރައްވާފައެވެ. ރައީސް ސޯލިހުގެ އިތުރުން މި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި އެމްޑީޕީގެ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދު ހަވީރު ބޭއްވި ހިނގާލުމުގައި، ރައީސް ހުންނެވީ ޔާމީންގެ ބައްޕަ އަދި ޔާމީންގެ އެކުވެރިޔާ، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަންމައާއެކު އެވެ. ރައީސް ޞާލިހު ވަނީ ޔާމީން ރަޝީދު ހަނދާން އާކުރައްވައި، ޓުވީޓެއްވެސް ކުރައްވާފައެވެ. ރައީސް ލިޔުއްވީ "ދުލެއް ނުކުރާނަން" ކަމަށެވެ.
މީގެކުރިން ބޭއްވި އެފަދަ އެއްވުންތަކާއި ހިނގާލުންތަކަށް ފުލުހުން ހުރަސް އެޅި ނަމަވެސް މިއަދު އެފަދަ ކަމެއް ނެތެވެ. އަދި ހިންގާލިމުގެ ބައިވެރިން ވަނީ ދިރި ހުރުމުގެ ހައްގަކީ ކޮންމެ މީހަކަށް ވެސް ގާނޫން އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއްކަމަށާއި ރިލްވާނާއި ޔާމީން މަރާލީ ކޮންބައެއް ކަމަށާއި މަރާލަން ބުނީ ކޮން ބައެއް ކަމަށް ސުވާލު އުފައްދާ އަޑު އުފުލާފައެވެ.