ޒިންމާދާރު އިދިކޮޅު ކޯލިޝަނެއް ދިވެހި ރައްޔިތުންނަށް ދައްކައިދޭނަން ކަމަށް އަބްދުލްރަހީމު އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި، ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އަބްދުލްރަހީމު އަބްދުﷲ ވިދާޅުވީ، ޕީޕީއެމް އަދި ޕީއެންސީން ޒިންމާދާރު އިދިކޮޅު ކޯލިޝަނެއް ދިވެހި ރައްޔިތުންނަށް ދައްކައިދޭނަން ކަމަށާއި، ނަމަވެސް އޭގެ މާނައަކީ، ކޯލިޝަނުން މުޅި ދުވަހު މަގުމައްޗަށް ނިކުމެ އެއްވެ އުޅުން ނޫން ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ އިތުރަށް ވިދާޅުވީ، ޒިންމާދާރު ކަމާއި އެކު މަސައްކަތް ކުރާ އިރު އަބަދު މަގުމައްޗަށް ނިކުމެ ތިބެން ނުޖެހޭ ކަމަށެވެ. އަދި، މިހާރުގެ ސަރުކާރުން ކުރާ ކަންތައްތަކަށް ކޯލިޝަނުން ފާރަވެރި ވާނެ ކަމަށާއި، ރައްޔިތުންގެ ސަމާލުކަމަށް ގެންނަން ޖެހޭ ކަންކަން ރައްޔިތުންގެ ސަމާލުކަމަށް ގެންނާނެ ކަމަށެވެ. ބައިނަލްއަގްވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެންނަން ޖެހޭ ކަންކަން، ބައިނަލްއަގްވާމީ މުޖުތަމައުގެ ސަމާލުކަމަށްވެސް ގެންނާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ޒިންމާދާރު އިދިކޮޅު ކޯލިޝަނެއް ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ދައްކާދޭނަން. އޭގެ މާނައަކީ، އަޅުގަނޑުމެން 24 ގަޑިއިރު ނިކުމެ މަގުމަތީގައި ތިބޭ ވާހަކައެއް ނޫން. ޒިންމާދާރުކަމާއި އެކު މަަސައްކަތް ކުރާއިރު ކޮންމެެހެން ނުޖެހޭ އަބަދު ނިކުމެ މަގުމަތީގައި ތިބޭކަށް. އެހެން ނަމަވެސް މި ސަރުކާރުން ކުރާ ކަންތައްތަކަށް އަޅުގަނޑުމެން ފާރަވެރި ވާނަން. އަދި އެއީ ރައްޔިތުންގެ ސަމާލުކަމަށް ގެންނަން ޖެހޭ ކަމެއް ވެއްޖިއްޔާ އެކަން ރައްޔިތުންގެ ސަމާލުކަމަށް ވެސް ގެންނާނަން. އެއީ ބައިނަލްއަގްވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެންނަން ޖެހޭ ކަމެއް ވިއްޔާ އެކަން ވެސް ކުރާނަން" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، ޕީޕީއެމް އާއި ޕީއެންސީ އާއި ދޭތެރޭ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި ނަމަވެސް ދެ ޕާޓީއަކަށް ވާތީ ދެ ޕާޓީ ހިންގުމުގައި ވެސް ތަފާތު ތަކެއް ހުރި ކަމަށެވެ. ނަމަވެސް ދެޕާޓީގެ ލީޑަރޝިޕް ދޭތެރޭ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ޕީޕިއެމްވެސް ޕީއެންސީ ވެސް ހިންގަނީ ރައީސް ޔާމީންގެ މަޝްވަރާ އާއި އެކު ކަމަށާއި ދެޕާޓީގެވެސް އަމާޒާއި ފިކުރުވެސް އެއްގޮތް ކަމަށް އަދުރޭ ވިދާޅުވިއެވެ.