ޕީއެންސީގެ ރައީސް ކަމަށް އަބްދުލްރަހުމާން އަބްދުﷲ (އަދުރޭ) ކުރިމަތި ލައްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ބޭއްވި ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ، އޭނާ ޕީއެންސީގެ ރައީސް ކަމަށް ކުރިމަތި ލައްވާނެ ކަމަށެވެ. އަދުރޭ އިތުރަށް ވިދާޅުވީ، އެބޭފުޅާ އިތުރުން ޕީއެންސީގެ މަގާމަށް ދެން ވާދަކުރައްވަނީ ކޮން ބޭފުޅެއް ކަމެއް އެނގި އެއް ނުލައްވާ ކަމަށެވެ. އަދި ޕީއެންސީގެ އެތެރޭގެ އިންތިހާބު ކުރިއަށް ދާނީ ދެފުށް ފެންނަ އިންތިހާބެއްގެ ގޮތުގައި ކަމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ އިތުރަށް ވިދާޅުވީ، ޕީޕީއެމް ނިމިދިޔަ އިންތިހާބު ތަކުން ބަލިވުމަކީ، ލީޑަރޝިޕް ފެއިލުވުމެއް ނޫން ކަމަށާއި އަދި އިންތިހާބަކަށް ނިކުންނަ އިރު ބަލި ވުމާއި ކުރިމަތި ލާން ޖެހޭނެ ކަމަށް ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، ޕީޕީއެމް އާއި ޕީއެންސީ އާއި ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި، ދެ ޕާޓީ ވެސް ކުރިއަށް ދަނީ ކުރީގެ ރައީސް ޔާމީންގެ މަޝްވަރާ ހޯއްދަވައިގެން، ރައީސް ޔާމީންގެ މަޝްވަރާ އާއި އެކު ކަމަށެވެ.