އައްޑޫ ސިޓީ ހިތަދޫގައި ދެސައިކަލާއި ވޭނެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މިހާކު ނިޔާވެއްޖެއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް އަލީ މޫސާ މުހައްމަދު ޖަޒީރާ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގެ ކުނިކޮށި ކައިރީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އެކަކު ވަނީ ނިޔާވެފަ ކަމަށެވެ. އެކްސިޑެންޓްގަައި ދެން އަނިޔާވި މީހާގެ ހާލު ސީރިއަސް ނޫން ކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާ ވެފައި ވަނީ ސައިކަލު ދުއްވަން ތިބި ދެ މީހުންނަށެވެ. އޭގެތެރެއިން މަރުވެފައިވަނީ ވެމްކޯގެ މުވައްޒަފެއް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އެ އެކްސިޑެންޓްގައި މަރުވެފައިވަނީ ފިރެހެނެކެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ، އެ 35 އަހަރުގެ ފިރެހެނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައި ކަމަށެވެ.
އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ވޭން ކޮންޓްރޯލް ނުވެ، ކުރިމަތިން އައި ސައިކަލެއްގައި ޖެހިފައި، އެ ސައިކަލު ވިއްސައިގެން ދިޔަ ވަގުތު އެ ސަރަހައްދުން ދިޔަ އެހެން ސައިކަލެއްގައި ޖެހިގެންނެވެ.