މީގެ 33 އަހަރުކުރިން ހުޅުވި، ހުރަވީ ބިލްޑިންގް ތަޅާލަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޕްލޭނިންގް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ އިމާރާތުގައި މިހާރު ހިންގާ ދައުލަތުގެ އޮފީސްތައް ބަދަލުކުރާނެ ޖާގަ ހޯދަމުން އަންނަ ކަމަށާއި އެ އިމާރާތް ތަޅާލުން ލަސްވަނީ އޮފިސްތައް ބަދަލު ކުރާނެ އެހެން ޖާގައެއް އަދި ހަމަ ނުޖެހޭތީކަމުގައެވެ.
"އަދި އޮފީސްތައް ބަދަލު ނުކުރެވިގެން އެ އިމާރާތް ތަޅާނުލެވިފައި ވަނީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ހުރަވީ ބިލްޑިންގގައި ހިންގާ އޮފީސްތަކަކީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި، އިމިގްރޭޝަނާއި، ޓްރާންސްޕޯޓް އޮތޯރިޓީ އާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، މާލޭ ސިޓީ ކައުންސިލްގެ ބައެއް ޔުނިޓްތަކެވެ.
ހުރަވީ ބިލްޑިންގ ތަޅާލަން ނިންމާފައިވާއިރު، އެ އިމާރާތުގެ ޝީޓުން ބައެއް މިދިޔަ ހަފުތާގައި ވެސް ވެއްޓި، އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ސައިކަލްތަކަކަށް ވަނީ ގެއްލުން ވެފަ އެވެ. އަދި މީގެ ކުރިން ވެސް އެފަދަ ހާދިސާތައް ހިނގާފައިވެއެވެ.