ބ. ކަމަދޫ ކައުންސިލުން މިއަހަރުގެ ރޯދަމާއި ދިމާކޮށް ރައްޔިތުންނަށް ދޭ ރޯދަ ހަދިޔާއަކީ މަސްދަޅާއި އަލަނާސި ދަޅު ކަމަށް އެ ކައުންސިލުން ބުނެފިއެވެ.
ކަމަދޫ ކައުންސިލްގެ ރައީސް، އަހުމަދު ޝަމީރު ޖަޒީރާ ނިއުސްއަށް މައުލޫމާތު ދެމުން ވިދާޅުވީ، ރޯދަ ހަދިޔާއެއްގެ ގޮތުން ހަތް އަހަރު ފުރިފައިވާ ކަމަދޫ ކޮންމެ ރައްޔިތަކަށް ހަތް މަސްދަޅާއި ހަތް އަލަނާސި ދަޅު ދޭން ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އަދި އެ ތަކެތި ގޭބިސީތަކަށް ކައުންސިލްގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގޭބިސީތަކަށް އެތަކެތި ފޯރުކޮށްދޭނަން. ރައްޔިތުން ނުޖެހޭނެ އެތަކެތި ހޯދުމަށް ކައުންސިލްގެ އިދާރާއަށް އަންނާކަށް" ސަމީރު ވިދާޅުވިއެވެ.
ކަމަދޫ ކައުންސިލުން ބުނީ ރޯދަމަސް އައުމުގެ ކުރިން ހުރިހާ ރައްޔިތުންނަށް މިހަދިޔާ ފޯރުކޮށްދެވޭނެ ކަމަށެވެ.
ރޯދަމަހާ ދިމާކޮށް ބައެއް ރަށްރަށުގެ ކައުންސިލްތަކުން ދަނީ ރައްޔިތުންނަށް މި ބާވަތުގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.