އާދީއްތަ ދުވަހު ސްރީލަންކާގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 310 އަށް އަރައިފި ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.
ލަންކާ ސަރުކާރުން މިއަދު ބުނީ ހަމަލާތަކުގައި 310 މީހުން މަރުވެފައިވާ ކަމަށާއި ހަމަލާތަކުގެ ސަބަބުން ޒަހަމްވި 480 މީހަކަށް ހޮސްޕިޓަލު ތަކުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރެއިން 41 މީހެއްގެ ހަށިގަނޑު ހޮސްޕިޓަލުތަކުގައި އޮތް އިރު އެއީ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާ ކަމަށް ލަންކާގެ ހެލްތް މިނިސްޓްރީއިން ބުނެފައިވެއެވެ.
މީގެ އިތުރުން 35 މީހެއްގެ އާއިލާ މެންބަރެއްގެ ހަބަރެއްވެސް ނުވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ބޮމުގެ ހަމަލާތަކާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ އަދަދު މިހާރު ވަނީ 30 އަށް އަރާފައިވާއިރު ބޮމުގެ ހަމަލާތަކާއި ގުޅިގެން އަދިވެސް ލަންކާ އާއްމު ހާލަތަކަށް ނާދެއެވެ.