ސްޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރެއްގެ މައްޗަށް އިތުބާރެއް ނެތްކަމާއި އެބޭފުޅުންނަކީ މަގާމުން ވަކި ކުރަން ޖެހިފައިވާ ފަރާތްތަކެއް ކަމަށް މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއް ސުޢޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު މިހެން ވިދާޅުވީ "ރާއްޖެ ޓީވީ"ގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވުމުންނެވެ. ސުއޫދު ވިދާޅުވީ، ރާއްޖޭގެ ފަނޑިޔާރުގެ އިސްލާހުކުރަން ޖެހޭކަމަށާއި، އޭގެ ތެރެއިން ބައެއް ނާގާބިލް ފަނޑިޔާރުން ވަކި ކުރަން އެބަ ޖެހޭ ކަމަށާއި އުޖުރާދުތަކަށް ބަދަލުތަކެއް ގެންނަން އެބަޖެހޭ ކަމަށެވެ.
ސުއޫދު ވިދާޅުވިގޮތުގައި ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗް ބަދަލުނުކޮށް އިންސާފު ލިބެން ނެތް ކަމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އެއްވެސް އިތުބާރެއް ނެތެވެ. ހަމައެހެންމެ ސުޕްރީމް ކޯޓުގެ ހުރިހާ ބޭފުޅުން މަގާމުން ވަކިކުރަން ޖެހޭކަމަށް ސުއޫދުވަނީ ވިދާޅުވެފައެވެ.
"ސުޕްރީމްކޯޓުގެ އެއްވެސް ފަނޑިޔާރެއްގެ މައްޗަށް އެއްވެސް އިތުބާރެއް ނެތް. އެނގޭތޯ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހަމަ ހުރިހާ ބޭފުޅުން ވަކިކުރަން އެބަ ޖެހޭ. އެކަން އަޅުގަނޑު ގަބޫލުކުރަނީ" ސުއޫދު ވިދާޅުވިއެވެ.
ސުއޫދުވަނީ މީގެ ކުރިން 1 ފެބްރުއަރީގައި އާއި 5 ފެބްރުއަރީގައި ހުކުމްތަކުގައި ސޮއި ކުރުމުގެ ސަބަބުންނާއި މި ނޫންވެސް ސަބަބުތަކާއި ހުރެ އެ ބޭފުުޅުންގެ މައްޗަށް އިތުބާރު ވަނީ ގެއްލިފައި ކަމަށް ވިދާޅުވެފައެވެ.
ފަނޑިޔާރުންގެ ތެރެއިން ވަކި ކުރަން ޖެހޭ ފަރާތްތަކެއް ވިނަމަވެސް އެކަންތައް ކުރަން ޖެހޭނީ ވަކި އިޖުރާދެއްގެ ދަށުންކަމަށް ނުވަތަ ވަކި އުސޫލެއްގެ ދަށުން ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ. މީގެ އިތުރުން ސުއޫދު ވިދާޅުވި ގޮތުން ވަކި ކުރަން ޖެހޭ ފަނޑިޔާރުންގެ ޝަކުވާތައް ހުށަހެޅޭނެ ނިޒާމެއް ކަނޑައެޅިފައި އޮންނަން ޖެހޭނެ ކަމަށްވެސް ސުއޫދު ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ.