ސްރީލަންކާގެ އެކި ސަރަހައްދުތަކަށް ބޮމުގެ ހަމަލާތައް ދެމުން އަންނައިރު، އެ ހާދިސާގެ ކުރިން އެކަމުގެ މައުލޫމާތު ސްރީލަންކާގެ މާ ބެހޭ ފަރާތްތަކާ ހިއްސާކޮށްފައި ވާނެ ކަމަށް އިންޑިއާއިން ބުނެފިއެވެ.
ހަމަލާތަކެއް އަމާޒުވުމުގެ ނުރައްކާ އެބައޮތް ކަމަށް ލިބުނު ޖާސޫސީ މައުލޫމާތު، ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށްފައި ވާނެ ކަމަށް އިންޑިއާއިން ބުނެފިއެވެ.
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއާއި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ތިއްބަވާ އޮފިޝަލުންތަކަކާއި، ހަވާލާދީ އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ސްރީލަންކާގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގެ އިމާރާތްވެސް ހިމެނޭ ގޮތަށް ބޮމުގެ ހަމަލާތަކެއް އަމާޒުވުމުގެ ނުރައްކާ އެބައޮތް ކަމުގެ އިންޒާރު، ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކާ އިންޑިއާއިން ހިއްސާކުރީ މި މަހުގެ ކުރީކޮޅުގައެވެ.
އިންޑިއާއިން ހާމަކޮށްފައިވާ ގޮތުގައި ލަންކާއަށް ހަމަލާތަކެއް ދޭން އުޅޭކަން އެގައުމަށް އެނގުނީ ބައިނަލްއަގުވާމީ ޖާސޫސީ އިދާރާތުން ދިން މައުލޫމާތުންނެވެ.
އަދި ސްރީލަންކާގައި ހަރަކާތްތެރިވަމުން އަންނަ ދީނީ ގޮތުން ހައްދުފަހަނައަޅާ ފައިވާ، ނޭޝަނަލް ތައުހީދު ޖަމާއަތުގެ ލީޑަރު، ޒަހްރާން ހާޝިމުގެ ހަމަލާތަކެއް އަމާޒުވެދާނެ ކަމަށް ބުނެ ސްރީލަންކާގެ ކަމާ ބެހޭ އިސް ފަރާތްތަކަށް އޭޕްރިލް 11 ވަނަ ދުވަހު އިންޒާރުގެ ސިޓީތަކެއްވެސް ފޮނުވާފައި ވާކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އާދީއްތަ ދުވަހުގެ ބޮމުގެ ހަމަލާތަކާ ގުޅިގެން ތުހުމަތުގެ އިނގިލި އަމާޒުވެފައި ވަނީވެސް އެ ޖަމާއަތަށެވެ. ނަމަވެސް މި ހަމަލާގެ ޒިންމާ ރަސްމީކޮށް އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.
ލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގައި 290އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އެ ހަމަލާތަކުގެ ތުހުމަތުގައު 30 މީހަކު މިހާރު ވަނީ ހައްޔަރުކުރެވިފައެވެ.