ކުރީ ޒަމާނުގައި ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ބުރަ މަސައްކަތްކޮށްގެން އާމްދަނީ ހޯދާ މީހުންނެވެ. މި ގޮތުން އޮޑި ފަހަރު ބަނުމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި މިފަދަ އަތުން ފައިން ބުރަ މަސައްކަތްކޮށްގެން ކުރާ މަސައްކަތްތަކަކީ ދިވެހިން ފަޚުރުވެރިކަމާއެކު ކުރަމުން އައި މަސައްކަތްތަކެއްކަން ފާހަގަކޮށްލެވެއެވެ.

ދާ އޮހުރުވައިގެން، އަތުންފައިން ބުރަ މަސައްކަތް ކޮށްގެން ހަލާލު ލާރި ހޯދުމަކީ ދިވެހިން ނުހަނު ލޯބިކުރަމުން އައި ކަމެކެވެ. އޭރު އެފަދަ ފަރާތްތަކުގެ ގަދަރުވެސް މީހުންގެ ކުރިމަތީގައި އުފުލިފައެވެ. ވާނީީވެސް އެހެންތާއެވެ. ރަށަށް އާމްދަނީ ގެނެސްދީ، ރަށް ކުރިއަރަނީ މި މަސައްކަތްތެރިންގެ މިންނެތް ޤުރުބާނީތަކުންނެވެ. ނަމަވެސް މިހާރު ޒަމާންވަނީ ބަދަލުވެފައެވެ. މޭޒެއްގެ ދޮށުގައި އިނދެގެން ކޮމްޕިއުޓަރީ މަސައްކަތް ކުރާ މީހުން ތަޚުތައް އެރުވިފައިވާ އިރު މަސްވެރިންނާއި ދަނޑުވެރިންނާ ދިމާލުން ބަލައިވެސް ލެވެނީ މޫނު ކުނިި ކޮށްލުމަށްފަހުގައެވެ. 

ޒަމާނާއެއްކޮށް މީހުންގެ ވިސްނުމާއި ފިކުރުވެސް އަންނަނީ ބަދަލުވަމުންނެވެ. ބައެއް މީހުންގެ ފިކުރު އާރާސްތުވެ އަރައިގެންދާއިރު އަނެއް ބައި މީހުންގެ ވިސްނުން ދުވަހެއް ދުވަހަކަށް ދަށަށް ދެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކިޔަވައިގެން 'ވަޒީފާ'އަށް ނިކުންނަ މީހުންނަށް އިހުތިރާމް ކުރުމަކުން ގޯހެއް ނެތެވެ. ގޯސްވާ ހިސާބަކީ ވަކި ބައެއްގެ މަސައްކަތްތައް 'ދަރަޖައިގެ' ގޮތުން ދަށް ކޮށްލުމެވެ.

ރާއްޖޭގައި ކުރާނެ މަސައްކަތެއް ނެތޭ، އަދާކުރާނެ ވަޒީފާއެއް ނެތޭ ކިޔައި އަތް އުރާލައިގެން ގޭގައި ހުންނަ މީހާއަށްވެސް މީހުން ކުރާ އިހުތިރާމް ނިކަމެތި ދަނޑުވެރިންނާއި މަސްވެރިންނަށްވުރެ އިތުރުވާ ހާލަތްތައްވެސް މަދުނޫންކަން ފާހަގަކޮށްލެވެއެވެ. ރާއްޖޭ މީހުންގެ 'ސްޓޭންޑާޑް'އަކީ އެއީއެވެ. 

ފަހުން ފަހަކަށް އައިސް މީސްމީޑިއާތަކުން ފެންނަމުން އަންނަ މަންޒަރަކީ، ދަނޑުވެރިއަކު ނުވަތަ މަސްވެރިއަކު އެމީހުންގެ އުފެއްދުންތައް ބޮޑު އަގުގައި ވިއްކަން ނިންމުމުން އެމީހުނާ ދިމާލުން ހެއްދެވި ނުހެއްދެވި އަށް ގޮވާ މަންޒަރެވެ. އެމީހުން އެ 'ކަޑަ' ނުވަތަ 'ދެރަ' މަސައްކަތްކޮށްގެން މުއްސަނދިވާން އުޅެެނީއޭ ބުނެ އެމީހުންނާ ދިމާލުން ވަރަށް އެއްޗެހިކީ މީހުންގެ އަދަދު މި ދިވެހިންގެ ތެރެއިންވެސް ގިނަކަމީ ލަދުގަންނަން ޖެހޭ ކަމެކެވެ. އަހަރެމެންގެ ކާބަފައިން ބޮޑުވެގެންއައިރު ވެސް ކުރަމުން އައި މަސައްކަތްތަކުގެ އަގު ދިވެހިން އަމިއްލައަށް ދަށް ކުރެވޭ ކަމީ ވަރަށް ހިތާމަހުރި ކަމެކެވެ. 

ރަށްފުށުގެ ހިސާބުތަކުގައި އަދިވެސް މަސްވެރިންނާއި ދަނޑުވެރިންގެ ވަޒީފާތައް ލިބެން ހުރެއެވެ. އެފަދަ ވަޒީފާތައް އަދާކުރާ މީހުންގެ އަދަދުވެސް ގިނައެވެ. މަދުވެފައިވަނީ އެފަދަ މިންނެތް މަސައްކަތްތައް އަދާކުރާ 'ފަހުލަވާނުންނަށް' ތައުރީފުކުރާ މީހުންގެ އަދަދެވެ. މަދުވެފައިވަނީ އަތުން ފައިން ބުރަ މަސައްކަތްކުރާ މީހުންގެ ހައްގުގައި ވާހަކަ ދައްކަން ކެރޭ މީހުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *