ހިކަނދިފަތަކީ ދިވެހިން ކޮންމެ ދުވަހަކުވެސް ބޭނުންކުރާ ކާނާގެ ކޮންމެވެސް ހިސާބަކުން ހަށިގަނޑަށް އެއްގޮތުން ނޫނީ އަނެއް ގޮތުން އެތެރެ ކުރެވޭނެ އެއްޗެކެވެ. ދުވާލުގެ ނާސްތާއަށް ކާ މަސްހުނީގައެވެ. ނުވަތަ ރިހައިގައެވެ. ރޭގަނޑު ކެއުމަށް ހުރި ލޮނުމިރުސް އެޅި ކޮންމެވެސް މަހެއްގައެވެ. މި ހުރިހާ އެއްޗެއްގައިވެސް ކޮންމެވެސް މިންވަރަކަށް ހިކަނދިފަތް އެކުލެވުމަކީ ދިވެހި ކާބަފައިންގެ އާދަކާދައެވެ.

ރޯދަމަކީ ދިވެހިންނަށް ހިކަނދިފަތާއި ނުލައި އުޅެން އެންމެ ދަތި ދުވަސްވަރަކަށް ވާނެއެވެ. އެއީ ރޯދަ މަހަކީ ދިވެހިން އެންމެ މީރުކޮށް ކެއުން ތައްޔާރުކުރުމަށް އިސްކަންދޭ ދުވަސްވަރުކަމަށް ވާތީވެސް މެއެވެ. މީގެ އިތުރުން ހިކަނދިފަތުން ލިއްބައިދޭ ސިއްހީ ފައިދާތަކަކީ ރޯދަމަސް ފަދަ ހަކަތަ ބޭނުންވާ ދުވަސްވަރެއްގައި ލިބުން މުހިންމު އެއްޗަކަށް ވުމުން އެމީހަކަށް ކެވެން އޮތް މިންވަރަކަށް ހިކަނދިފަތް ވެސް އަދި ހަމައެހެންމެ ރޯ ހިކަނދިފަތްވެސް ކެއުމަކީ މުހިންމުކަމެއް ކަން ފާހަގަކޮށްލެވެއެވެ.

ހިކަނދިފަތް ރޮލާ ކާމީހުންގެ އަދަދު ގިނަ ނުވި ނަމަވެސް ހިކަނދިފަތް ކާނާގައި ޖައްސުވާ މީރު ރަހައަކީ މީހުންނަށް އޭގެއާ ނުލައި އުޅުމަށް ނުލާހިކު ދަތިވާނެ ރަހައެކެވެ. އޭގެ މައިގަނޑު ސަބަބަކީ ހިކަނދިފަތުން ދޭ ގަދަ، މީރު ރަހަ އާއި ނުލައި ކެއުން ދިވެހިންނަށް އާ ކަމަކަށް ވުމާއެކު ހިކަދިފަތް ކާނާގައި އެކުލެވުން ދިވެހިންގެ ކަށީގައި ހިފައިފައި ވުމެވެ.

ގަދަ ރަހައަކާއެއްކޮށް ހިކަނދިފަތުގައި ގިނަ އަދަދެއްގެ ސިއްހީފައިދާތައް އެކުލެވިގެންވާކަން ފާހަގަކޮށްލެވެއެވެ.

ހިކަނދިފަތުން ލިއްބައިދޭ ބައެއް ސިއްހީ ފައިދާ

ބަރުދަން ލުއިކުރުމަށް އެހީވެދޭ

ހިކަނދިފަތުގައި އެކުލެވިގެންވާ ކަރބަޒޯލް އަލްކޮއިޑްސް ނަމަކަށް ކިޔޭ މާއްދާތަކަކީ އޭގެ ސަބަބުން ބަރުދަން ލުއިކޮށްދިނުމާއެކު ކޮލެސްޓްރޯލް ހުންނަ މިންވަރުވެސް ދަށްކޮށްދޭން އެހީވެދޭ މާއްދާއެކެވެ. މީގެ ވެސް އަސަރު އެންމެ ގަދަޔަށް ފެންނާނީ ރޯ ހިކަނދިފަތް ގަވާއިދުން ކެއުމުންނެވެ. މިގޮތުން ސެލެޑެއްގެ ތެރޭގައި ހިމެނުން ނުވަތަ ކޮންމެ ފަހަރަކު ކާން ބޭނުންކުރާ ކާނާގެ ވެސް މައްޗަށް ކުދިކޮށްފައިވާ ހިކަނދިފަތް ކޮޅެއް އަޅައި، އެއާއެއްކޮށް ކެއުމަކީ ކުރެވިދާނެ ކަމެކެވެ.

ބޯއެނބުރުމާއި ހޮޑުލެވުމުން ދުރުކޮށްްދޭ

މާބަނޑު ދުވަސްވަރުގެ ފުރަތަމަ ދުވަސްކޮޅަކީ އަންހެނުންނަށް ބޯ އެނބުރުމާއި ހޮޑުލެވުން ފަދަ ދަތިތައް ކުރިމަތިވާ ދުވަސްވަރެކެވެ. މި ހާލަތަށް އިނގިރޭސިން ކިޔަނީ މޯނިންގ ސިކްނެސް އެވެ. ހިކަނދިފަތް ކެއުމުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމު އިތުރަށް ފަސޭހަވެގެންދެއެވެ. ހަމައެއާއެކު ބޯ އެނބުރުން ފިލުވައި، ހޮޑުލެވުމުން ދުރުކޮށްދެއެވެ.

ބެކްޓީރިއާތައް ނައްތާލައިދޭ

ގިނަ ބަލިތަކުގެ އަސްލަކީ އިންފެކްޝަންތައް އުފެދުން ނުވަތަ އޮކްސިޑޭޓިވް ގެއްލުން ހަށިގަނޑަށް ލިބުމެވެ. ހަކަނދިފަތަކީ މިފަދަ ކަންކަމަށް ބޭނުންކުރެވިދާނެ 'ބޭހެކެވެ.' ހިކަނދިފަތަކީ އޭގައި އެންޓި-ބެކްޓީރިއަލް، އެންޓި- ކެންސަރ އަަދި އެންޓި އިންފްލެމަޓޯރީ އަސަރުތައް އޭގައި އެކުލެވިގެންވާ ފަތެކެވެ. މި ހުރިހާ ކަމެއްގެ ސަބަބުން ހިކަނދިފަތުގައި ބެކްޓީރިއާ އާއި ތަފާތު ޖަރާސީމުތައް ނައްތާލުމުގެ ކުޅަދާނަކަން ވެއެވެ.

ސްޓްރެސް ވުމުން ދުރުކޮށްދޭ

ހިކަނދިފަތުން އުފައްދާ އެސެންޝިއަލް ތެލަކީ ސްޓްރެސް އިން ދުރުކުރުމަށް ބޭނުންކުރެވޭ އެއްޗެކެވެ. މީގެ މައިގަނޑު ސަބަބަކަށްވަނީ ހިކަނދިފަތުގައި އެކުލެވޭ ހިތްހަމަ ޖައްސުވާ ވަސް ކަމަށް ބެލެވެއެވެ. ކުރެވުނު ގިނަ އަދަދެއްގެ ދިރާސާތަކުން ދެއްކި ގޮތުގައި ހިކަނދިފަތުގައި ވަސް ބެލުމަކީ ސްޓްރެސް އިން މީހާގެ ވިސްނުން ދުރުކޮށްދީ، މީހާ ހަމަޖެހުމަށް އެހީވެދޭ ކަންކަމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *