ބްލޫބެރީއަކީ މީގިނަ ކަންކޮޅުތަކުގެ މީހުންގެ މަޤްބޫލުކަން ހޯދަމުން އަންނަ މޭވާއެކެވެ. ބްލޫބެރީއަކީ 'ސުޕަރ ފުޑް'އެއްގެ ލަގަބު ލިބިފައިވާ ކާނާއެކެވެ. ސުޕަރ ފުޑްއަކީ އަކީ ގިނަ އަދަދެއްގެ ސިއްހީ ފައިދާތައް އެކުލެވިފައިވާ ކާނާއެވެ. ބްލޫބެރީ އަށް މިފަދަ ކާނާއެއްގެ ލަގަބު ލިބުނީ އޭގައި ވަރަށް މަދު މިންވަރެއްގެ ކެލަރީސް ހުރުމާއެކު ސިއްހަތައް ގިނަ އަދެދެއްގެ ފައިދާތައް ފޯރުކޮށްދޭތީއެވެ.
މިހައި ގިނަ ފައިދާ އެކުލެވޭ ކާނާއެއް ކޮންމެ ގޮތެއް ހަދާފައިނަމަވެސް ރޯދަމަހުގައި ކާން އެބަ ޖެހެއެވެ. ރާއްޖޭގެ މާރުކޭޓުތަކާއި ބޮޑެތި ފިހާރަތަކުން ތާޒާ ބްލޫބެރީ ބަންދުކޮށްފައާއި ބަންދުނުކޮށް ހުއްޓާވެސް ލިބެން ހުރެއެވެ. އެހެންކަމުން ރޯދަމަހުގައި ހަށިގަނޑަށް އެންމެ ހަކަތައާއި ފައިދާހުރި މާއްދާތައް ބޭނުންވާ ދުވަސްވަރުގައި ބްލޫބެރީ މީހުންގެ ޑައެޓަށް އެއް ކުރުމަކީ މުހިންމުކަމެކެވެ. ބްލޫބެރީ ބޭނުންކޮށްގެން ތައްޔާރުކުރެވޭ ކާނާގެ އަދަދުވެސް މަދެއް ނުވާނެކަން ޔަގީނެވެ. އޭގެ އެންމެ އާންމު އެއް މިސާލަކަށް ވާނީ ގިނަ ދިވެހިންނެއްގެ މަޤްބޫލުކަން ހޯދައިފައިވާ 'ބްލޫބެރީ ޗީޒް ކޭކެވެ'.
ބްލޫބެރީ އިން ލިއްބައިދޭ ބައެއް ސިއްހީ ފައިދާ
އެންޓިއޮކްސިޑެންޓުން މުއްސަނދިވެފައިވާ
ބްލޫބެރީއަކީ ކާނާތަކުގެ ތެރެއިންވެސް އެންމެ ގިނައިން އެންޓިއޮކްސިޑެންޓްގެ މާއްދާތައް އެކުލެވިގެންވާ ކާނާކަމަށް ބެލެވިދާނެއެވެ. އެންޓިއޮކްސިޑެންޓަކީ ހަށިގަނޑަށް ބޭނުންތެރި ސެލްތަކަށް ހަމަލާދީ، އެ ސެލްތައް ނައްތާލުމަށް މަސައްކަތްކުރާ މާއްދާއެއް ކަމަށްވާ 'ފްރީ ރެޑިކަލްސް'ތައް ނައްތާލުމަށް މަސައްކަތްކުރާ، ހަށިގަނޑަށް ބޭނުންތެރި މާއްދާއެކެވެ. އެހެން ކަމުން ބްލޫބެރީ ފަދަ އެންޓިއޮކްސިޑެންޓުން މުއްސަނދިވެފައިވާ ކާނާ ހަށިގަނޑަށް އެތެރެ ކުރުމަކީ މުހިންމު ކަމެކެވެ.
ޑީއެންއޭ އަށް ގެއްލުންވާ މިންވަރު މަދުކޮށްދޭ
އޮކްސިޑޭޓިވް ޑީއެންއޭ ގެއްލުންވުމަކީ އިންސާނުންގެ ހަށިގަނޑުގައި ގަވާއިދުން ހިނގާ ކަމެކެވެ. މިގޮތުން ދުވާލަކު ދިހަ ހާސް ވަރަކަށް ސެލްތައް ކޮންމެ ދުވަހަކު މިފަދައިން ހަލާކުވަމުން އަންނަ ކަމަށް ވެއެެވެ. ބްލޫބެރީ އަކީ އެންޓިއޮކްސިޑެންޓުން މުއްސަނދިވެފައިވާ އެއްޗެއް ކަމުން، ޑީއެންއޭ އަށް ގެއްލުން ދޭ ފްރީ ރެޑިކަލްތައް ނައްތާލުމަށް އެހީވެދެއެވެ.
ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ
ބްލޫބެރީ ކެއުމަކީ ލޭމައްޗަށް ދިޔުން ދަށްކޮށްދޭ ކަމަކެވެ. ކުރެވުނު ގިނަ ދިރާސާތަކާއި ހޯދިހޯދުންތަކުގެ އަލީގައި ބްލޫބެރީ ގަވާއިދުން ކެއުމުގެ ސަބަބުން ހާޓް އެޓޭކް ޖެހުމުގެ ބިރު 32 އިންސައްތައަށް ކުޑަ ކޮށްދެއެވެ. އެހެންކަމުން ބްލޫބެރީ ކެއުން ގިނަކުރުމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދޭން އެބަ ޖެހެއެވެ.
ހަނދާން ހުންނަ މިންވަރު އިތުރުކޮށްދޭ
އޮކްސިޑޭޓިވް ސްޓްރެސް އަކީ ސިކުނޑި މުސްކުޅިވުން އަވަސްކޮށްދޭ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ސިކުނޑީގެ ނިޒާމުތަކަށް އުނިކަމެއް ނުވަތަ ލަސްކަމެއް އައުން އެކަށީގެންވެއެވެ. ދިރާސާތަކުން ދެއްކިގޮތުގައި ގިނައިން ބްލޫބެރީ ކެއުމަކީ ސިކުނޑީގެ ހަނދާން ގަދަކޮށްދިނުމަށް އެހީވެދޭ ބައިތަކާއި، ވިސްނުން ތޫނު ވުމަށް މެދުވެރިކުރުވާ ބައިތަކަށް އަސަރު ފޯރުވައި އެ ނިޒާމުތައް ފުރިހަމަކޮށްދޭ އެއްޗެކެވެ.