ސްރީލަންކާގައި ފުލުފުލުން ދެމުންގެންދާ ބޮމުގެ ހަމަލާތަކުގައި، ދިވެހި ދެ އާއިލާ އެއް ދިރިއުޅޭ އިމާރާތަކުން ވެސް ބޮމެއް ފެނިއްޖެއެވެ.
ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު އުމަރު ރައްޒާގު އޮންލައިން ނޫހެއް ކަމަށްވާ "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދިވެހިން ދިރިއުޅޭ އެޕާޓްމެންޓް އެއް ކަމަށްވާ، މައުންޓް ލެވީނިއާ އިން ބޮމެއް ފެނިފަައިވާ ކަމަށެވެ. އަދި އުމަރު ރައްޒާގު ވިދާޅުވީ، އެ ބޮން ފެނުނީ މީގެ ފަސް ގަޑިއިރު ކުރިން ކަމަށާއި ލަންކާގެ ސަލާމަތީ ބާރުތަކުން ރައްކާތެރިކަމާއެކު އެބޮން ނަތައްތާލާފައިވާ ކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ، އެ އެޕާޓްމެންޓް ތެރެއިން ބޮން ފެންނި ގަޑީގައި އެޕާޓްމެންޓް އިން މީހުން ބޭރަށް ނުނިކުތުމަށާއި އަދި އިތުރަށް އެއްވެސް މީހަކު އެޕާޓްމަންޓަކަށް ނުވަނުމަށް ލަންކާގެ ސަލާމަތީ ބާރުތަކުން އެންގި ކަމަށެވެ.
ލަންކާގައި ސިލްސިލާކޮށް އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި ވަނީ މިހާތަނަށް 290 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.