ސްރީލަންކާގައި ފުލުފުލުން އެކި ސަރަހައްދުތަކަށް ބޮމުގެ ހަމަލާތައް ދިނުމުގެ ހާދިސާ އާއި ގުޅިގެން، ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލު ބަލައިލުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ހާއްސަ މަންދޫބެއްގެ ގޮތުން ލަންކާ އަށް ވަޑައިގެންނެވި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޚަލީލް، ލަންކާގެ ބޮޑު ވަޒީރާއި ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޚަލީލް ވަނީ ރައީސް ޞާލިހްގެ ފަރާތްޕުޅުން ހަމްދަރުދީގެ މެެސެޖެއް ލަންކާގެ ބޮޑު ވަޒީރަށް ރައްދުކުރައްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖެއިން ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު އުމަރު ރައްޒާގު ވެސް ވަނީ ބައިވެރިވެވަޑައިގަންފައެވެ.
އެބައްދަލުކުރެއްވުމުގައި އަހުމަދު ޚަލީލު ވަނީ، ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާތަކަކީ ދިވެހި ސަރުކާރުންނާއި ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން ކަމަށާއި އަދި ޝުއޫރުތަކާ އެކު ރާއްޖެ އިން ތިބީ ލަންކާ އަށް އެހީވާން ތައްޔާރަށް ކަމަށްވެސް ލަންކާގެ ބޮޑު ވަޒީރާއި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައެވެ.
ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު 290 އަށް ވުރެ މައްޗަށް ގޮސްފައިވެއެވެ. އަދި އެ ބޮމުގެ ހަމަލާތަކާއި ގުޅިގެން އެގައުމުގެ ސިފައިން މިހާތަނަށް އެހަމަލާ ދިން ކަމަށް ޝައްކު ކުރެވޭ 24 މީހުން ވަނީ ހައްޔަރު ކޮށްފައެވެ.