ނ. މިލަދޫ ގެއެއް ފުލުހުން ކޯޓް އަމުރެއްގެ ދަށުން ތަހުގީގު ކުރުމަށް ބަލައި ފާސްކުރުމުން ގިނަ އަދަދެއްގެ ފައިސާ ހޯދައިފިއެވެ.
މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިހަފްތާގެ އާދިއްތަ ދުވަހު ނ. މިލަދޫ ގެއަކުން 19000 ރުފިޔާ ވަގަށް ނެގި މައްސަލައެއްގެ ތަހުގީގުގެ ތެރެއިން، އެރަށު ގެއެއް ކޯޓު އަމުރެއްގެ ދަށުން ބެލި ބެލުމުން އެގެއިން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށެވެ. ފުލުހުން ވިދާޅުވީ އެގެ ބަލައި ފާސްކުރުމުގެ ތެރެއިން އެގޭގެ ކޮޓަރި އެއް ތެރޭގައި އޮތް ދަބަހަކުން 94،705 ރުފިޔާ ފެނިފައިވާ ކަމަށެވެ. އަދި ހަމަ އެގޭ ތެރޭގައި ފޮރުވާފައި އޮތް ވޮލެޓެއް ތެރެއިން 1315 ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން އިތުރަށް ވިދާޅުވީ، ކޯޓް އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުން ފައިސާ ފެނިފައި ވާއިރު އޭގެތެރޭގައި، އާދިއްތަ ދުވަހު މިލަދޫ ސުކޫލު ތިޖޫރި ފަޅައިލުމަށް ފަހު ނެގި ފައިސާތަކުގެ ތެރެއިން އެއްބައި ވެސް ހިމެނޭ ކަމަށެވެ.
މިހަފްތާގެ އާދިއްތަ ދުވަހު މިލަދޫ ހިދާޔާ ސުކޫލުގެ ތިޖޫރި ފަޅައިލުމަށް ފަހު ވަނީ އެއްލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފައެވެ. ފުލުހުން އިތުރަށް ވިދާޅުވީ، އާދިއްތަ ދުވަހު މިލަދޫ ގައި ހިންގި ބޮޑު ދެ ވައްކަމާއި ގުޅިގެން، ވަނީ 19 އަހަރުގެ ޒުވާނެއް ހައްޔަރުކޮށްފައި ކަމަށެވެ. އަދި މިހާރު ފުލުހުން ދަނީ އެ ދެ މައްސަލަ ތަހުގީގު ކުރަމުން ކަމަށްވެސް ވިދާޅުވިއެވެ.