މި ދުވަސްވަރަކީ ރާއްޖޭގެ ގިނަ ހިސާބުތަކަށް އަނބު މޫސުން އައިސްގެން އުޅޭ ދުވަސްވަރެވެ. އޭގެ ތެރޭގައިވެސް ދޮން އަނބު ވަރަށް ޢާންމުކަމަށް ފާހަގަކުރެވެއެވެ. ދިވެހިންނަކީ އަބަދުވެސް އަނބަށް ލޯބި ކުރާ ބައެއް ކަމުން ރަށްރަށުގެ ގެތަކުގެ ގޯތި ތަކުގައި އަނބު ހައްދައި އުޅެއެވެ. އަދި މާލެ ހިސާބުތަކުގައި ދިރިއުޅޭ މީހުން ބޮޑުއަގުގައިވެސް އަނބު ގަނެއެވެ.
އަނބަކީ ގުދުރަތީ އެންޓި އޮކްސިޑެންޓެއް ކަމުން ރޯދަ މަސް ފަދަ ކެއިންބުއިމަށް ގިނަގުނަ ބަދަލުތަކެއް ގެންނަން ޖެހޭ ދުވަސްވަރެއްގައި އަނބު ކެއުން މުހިންމެވެ. އަނބަކީ ހަޖަމުކުރުމަށް އެހީވެދޭ ކާނާއެއް ކަމުން ރޯދަ ވީއްލާ ވަގުތުތަކުގައިވެސް އަނބު ކެއުމަކީ ފައިދާހުރި ކަމެކެވެ. މިގޮތުންވެސް ހަމަ ސީދާ ދޮންއަނބު އިތުރު އެއްވެސް ހަކުރު ފަދަ އެއްޗެއް ނާޅައި ކެއުމަށްވެސް އިސްކަމެއްދޭން ވާނެއެވެ. އެއިން ލިއްބައިދޭ ހުރިހާ ސިއްހީ ފައިދާތައް އެންމެ އެކަށީގެންވާ ވަރަށް ލިބޭނީ އޭރުންނެވެ.
ދުނިޔޭގެ ބައެއް ހިސާބުތަކުގައި އަނބު ބަލައިގަންނަނީ މޭވާތަކުގެ ތެރެއިންވެސް، މޭވާގެ ރަސްގެފާނުގެ ގޮތުގައެވެ. އޭގެ ފަހަތުގައި ވަރަށް ގިނަ ސަބަބު އެބަހުއްޓެވެ. އިންޑިއާއާއި އޭޝިއާގެ ދެކުނު އިރުމަތީގެ ރަށްތަކުގައި ގިނަ އަދަދެއްގެ އަނބަކީ ވަރަށް ގިނައިން ހައްދާ މޭވާއެއް ކަމަށް ދިރާސާތަކުންވެސް ދައްކައެވެ. މިގޮތުން އަނބުގެ ތަފާތު ވައްތަރުތަކާާއި، ސައިޒުތައް ހުންނަކަންވެސް ފާހަގަކޮށްލެވެއެވެ. އަނބަކީ އޭގައި ގިނަ އަދަދެއްގެ ސިއްހީ ފައިދާތައްވެސް އެކުލެވިގެންވާ މޭވާއެކެވެ.
އަނބުން ލިއްބައިދޭ ބައެއް ސިއްހީ ފައިދާ
ބައެއް ވައްތަރުތަކުގެ ކެންސަރުން ދުރުކޮށްދޭ
އަނބަކީ ޕޮލީ ފީނޯލް ނަމަކަށް ކިޔޭ މާއްދާތަކަކުން މުއްސަނދިވެފައިވާ މޭވާއެކެވެ. އެއީ ކެންސަރުން ދުރުކޮށްދިނުމުގެ ގާބިލްކަން ހުންނަ މާއްދާތަކެއްކަން ފާހަގަކުރެވެއެވެ. އެ ގޮތުން އޮކްސިޑޭޓިވް ސްޓްރެސް ދަށްކޮށްދޭ މާއްދާއެއް ކަމަށް ޕޮލީ ފީނޯލްތައް ވެއެވެ. ގިނަ ވައްތަރުތަކުގެ ކެންސަރުތަކަށް މަގުފަހިކުރުވާ ނުރައްކާތެރި މާއްދާއެއްކަމަށް އޮކްސިޑޭޓިވްް ސްޓްރެސް ވާ ކަމުން، އޮކްްސިޑޭޓިވް ސްޓްރެސް އިން ދުރުކޮށްދޭ، އަނބުފަދަ މޭވާ ކެއުމަކީ މުހިންމު ކަމެކެވެ.
އަނބުގައި އެކުލެވޭ އެއް ފީނޯލްއަކީ މެންޖިފެރިން ނަކަމަށް ކިޔޭ މާއްދާއެކެވެ. މި މާއްދާއަކީ އިންސާނުންގެ ހަށިގަނޑުގައި އުފެދޭ ކެންސަރުގެ ސެލްތައް ނައްތާލައި ނުވަތަ އެ ސެލްތައް އުފެދޭ ދުވެލި ލަސްކޮށްދިނުމުގައި އެހީވެދޭ މާއްދާއެކެވެ.
އިސްތަށިގަނޑާއި ހަންގަނޑަށް ރަނގަޅު
ހަންގަނޑާއި އިސްތަށިގަނޑު ގެ ސްޓްރަކްޗަރ ފުރިހަމަކޮށްދިނުމުގައި ވަރަށް މުހިންމު ޕްރޮޓީންއެއް ކަމަށް، ކޮލަޖެން ވެއެވެ. އަނބަކީ ގިނަ އަދަދަކަށް ކޮލަޖެން އެކުލެވިގެންވާ އެއްޗެކެވެ. ކޮލަޖެންއަކީ ހަންގަނޑުގައި ރޫޖެހުމާއި، ހަންގަނޑު ދޫވުމުން ދުރުކޮށްދޭ މާއްދާއެކެވެ. މީގެ އިތުރުން އަނބުގައި މަތީ މިންވަރަކަށް ވިޓަމިން އޭ އާއި ވިޓަމިން ސީ އެކުލެވިގެންވެއެވެ. މުޅި ދެ މާއްދާއަކީވެސް ހަންގަނޑާއި އިސްތަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމުގައި އެހީވެދޭ ދެ މާއްދާކަމަށް ވާއިރު، ޚާއްސގޮތެއްގައި ވިޓަމިން އޭ އަކީ އިސްތަށިގަނޑު ދިގުވުމާއި، ބޮލުގެ ހަންގަނޑު އޮމާންކޮށްދިނުމުގައި މަޝްހޫރު މާއްދާތަކެއްކަން ފާހަގަކުރެވެއެވެ.
ގިނަ އަދަދެއްގެ ފައިދާހުރި މާއްދާތައް އެކުލެވިގެންވޭ
އަނބުގައި ގިނަ ވައްތަރުތަކުގެ ސިއްހަތަށް ފައިދާހުރި މާއްދާތައް އެކުލެވިގެންވާކަން ފާހަގަކޮށްލެވެއެވެ. އެ ގޮތުން ޕްރޮޓީން، ކާރބް، ޑައެޓަރީ ފައިބަރ، ކޮޕަރ، ފޮލޭޓް، ޕޮޓޭޝިއަމް، ނިއަކިން، ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ، ވިޓަމިން ކޭ، ވިޓަމިން ބީ ފައިވް، ވިޓަމިން ބީ ސިކްސް، މެގްނީޝިއަމް، ރައިބޯޕްލެވިން، ތަޔަމިން އަދި މެންގަނީސް އެކުލެވިގެންވާކަން ފާހަގަކޮށްލެވެއެވެ. މިހުރިހާ މާއްދާއަކީ ހަށިގަނޑަށް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ބޭނުންވާ، ސިއްހަތު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށްޓަކައި ބޭނުންވާ މާއްދާތައްކަން ފާހަގަކޮށްލެވެއެވެ.