ޔޫކްރޭނުގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި އެގައުމުގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯއާ ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވި ވޮލޮޑިމީރް ޒެލެންސްކީއަކީ ޓީވީ ކޮމީޑިއަނެކެވެ.
ޕޮރެންޝްކޯއާއި ވާދަކުރައްވާ، އެގައުމުގެ ރިޔާސީ އިންތިހާބު، ޒެލެންސްކީ ކާމިޔާބު ކޮށްފައިވަނީ ވޯޓުގެ 73 ޕަސެންޓާއެކުއެވެ. ޕޮރޮޝެންކޯ އަށް ލިބިވަޑައިގެންނެވީ 25 ޕަސެންޓެވެ.
މި އިންތިހާބުގެ ވޯޓުތައް އެއްކޮށް ގުނާ ނުނިމެނީސް ޕޮރޮޝެންކޯ ވަނީ އާދިއްތަ ދުވަހުގެ ރޭ ބަލި ގަބޫލް ކުރައްވައިފައެވެ. އަދި އޭނާ ވިދާޅުވެފައިވަނީ ވެރިކަން ދޫކޮށްލަން ޖެހުނު ކަމުގައިވިޔަސް ސިޔާސީ ދާއިރާއިން ދުރަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
"މި އަންނަ މަހު އަޅުގަނޑު ވެރިކަމުން ދުރުވާނަން. މިއީ ޔޫކްރޭނުގެ ގިނަ ރައްޔިތުން ބޭނުންވި ގޮތް. ރައްޔިތުންގެ ނިންމުން އަޅުގަނޑު ގަބޫލް ކުރަން. ވެރިކަން ދޫކޮށްލަން ޖެހުނު ނަމަވެސް ސިޔާސީ ކަންކަމާ އަޅުގަނޑު ދުރެއް ނުވާނަން. ޔޫކްރޭނަށް ޓަކައި އަޅުގަނޑު މަސައްކަތް ކުރާނަން،" ޕޮރޮޝެންކޯ ވިދާޅުވި އެވެ. "އާ ރައީސް އަށް އެހީވާން އަޅުގަނޑުގެ ޓީމު އޮތީ ތައްޔާރަށް."
ރައީސް ކަމަށް ޔޫކްރޭނުގެ ރައްޔިތުން އައްޔަންކުރި، 41 އަހަރުގެ ޒެލެންސްކީ، އޭނާ އަށް ވޯޓު ދިން މީހުން މާޔޫސްކޮށް ނުލާނެ ކަމަށް ކުރިން ވިދާޅުވެފައިވެއެވެ.
ޓީވީ ޑްރާމާތަކުންނާއި ހާއްސަކޮށް ކޮމެޑީގެ ބައިން މަޝްހޫރު، ޒެލެންސްކީ ވަނީ ކޮރަޕްޝަނާ ދެކޮޅު މީހެއްގެ ގޮތުގައި އޭނާ ކުޅުނު ޑްރާމާތަކުގައިވެސް މަސައްކަތް ކޮށްފައެވެ. އެހެންކަމުން، ޔޫކްރޭނުގެ ގިނަ ޒުވާނުން އޭނާއަށް ތާއީދު ކުރެއެވެ.