މި ޒަމާނަކީ މީސްމީޑިއާގެ އަވާގައި އެންމެން ޖެހި އަވަދިވެފައިވާ ޒަމާނެވެ. މީސްމީޑިއާގެ އެޕްލިކޭޝަނެއްގެ ބޭނުން ނުކުރާ މީހަކު ނުހުންނާނެއެވެ. ވަކި އުމުރެއް ނެތެވެ. ވަކި ޖިންސެއްވެސް މިކަމުން އިސްތިސްނާއެއް ނުވެއެވެ. މީގެ ބޭނުން ނުކުރާ ތަނެއް ބޭނުން ނުކުރާ މާހައުލެއްނެތެވެ. ހިނގާ ކަމެއްގެ މަންޒަރު ވަގުތުން މީސްމީޑިއާއަށް ލައެވެ. އެންމެނަށް އެ ކަމެއް ދެއްކުމަށެވެ. ކޮންމެވެސް މެސެޖެއް ދިނުމަށެވެ.

މިގޮތަށް މީސްމީޑިއާއަށް ލާ އެއްޗިއްސަށް ރިއެކްޓް ކުރެވޭއިރު އެންމެ ގިނަ މީހުން ފޮޓޯ އަދި މެސެޖްތައް ލަނީ ގިނަ ރިއެކްޓް ހޯދަން ކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. މަޖާ ވާހަކައެއްނަމަ "ހަހަ" ރިއެކްޓް ކޮށްލާއިރު ހިތާމަވެރި ހަބަރެއް ނަމަ "ސޭޑް" ރިއެކްޓް ކޮށްލައެވެ. އެ ޕޯސްޓަކާމެދު އެ ރިއެކްޓްކުރި މީހާ ވިސްނި ކަން ހާމަ ކޮށްލުމުގެ ގޮތުންނެވެ.

އެކި މީހުން މިކަމުގައި ވިސްނާ ގޮތްވެސް ތަފާތެވެ. ކޮންމެ ކަހަލަ ޕޯސްޓެއް ކުރިނަމަވެސް "ހަހަ" ރިއެކްޓް ކުރާ ރައްޓެހިން ފެނެއެވެ. ލައިކެއް ދިންނަމަވެސް އެއީ ބައެއްފަހަރު މަޖުބޫރުން ކުރާ ކަމެކޭ ހީވާ ފަހަރުވެސް އާދެއެވެ. ކޮންމެ ޕޯސްޓަކަށް ލައިކް ދޭތީއެވެ. އެންމެން "ލަވް" ރިއެކްޓް ކުރާ ޕޯސްޓަކަށް އެކަކު ލައިކެއް ދިނުމަކީވެސް ފެންނަ މަންޒަރެކެވެ. އެމީހަކާމެދު އެ ޕޯސްޓް ކުރި މީހަކު ދެވަނަ ވިސްނުމަކަށް ދާން ޖެހޭވަރުގެ ކަމަކަށް މިކަން ވެދެއެވެ. 

ދެން އޮތީ ރިއެކްޓް ކުރަނީ ހަމަ އެ އަސަރު އެމީހަކަށް ކޮށްގެންތޯ އުފެދޭ ސުވާލެވެ. މަޖާ ނުވިއަސް މަޖާވި ކަމަަށް ހަދަނީ ބާވައެވެ؟ ދެރަ ނުވިއަސް ދެރަވިކަމަށް ދެއްކެނީ ބާވައެވެ؟ ނޫނީ އެހެން މީހުން ރިއެކްޓް ކުރާތީ ރިއެކްޓް ކުރަނީ ހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ. މި ހުރިހާ ބާވަތެއްވެސް އުޅެއެވެ.

ކުރެވޭ ރިއެކްޓަކީ ބޮޑު ހައިޖާނަކަށް ވެސް ވެއެވެ. ލޯބިވެރިޔާއާއި ގުޅުން ކެނޑި, ރަހްމަތްތެރިންނާއި މޫނު ކެނޑޭ ހިސާބަށްވެސް އެކަން ދެއެވެ. ކުރާ ރިއެކްޓްގެ ސަބަބުން މެސެޖް ކޮށްގެން ސުވާލު ކޮށް ހަދާތަން ފެނެއެވެ. އޮޅިގެން ކުރެވޭ ރިއެކްޓަކީވެސް ނުރައްކާތެރި އެއްޗެކެވެ. މީހަކު މަރުވެގެން އުޅޭ ކަން އަންގައިދޭ ޕޯސްޓަކަށް މަޖާ ރިއެކްޓްއެއް ދިނީމާ ޕޯސްޓް ކުރި މީހާ ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟ މިކަހަލަ ހާލަތްތައްވެސް ދިމާވެފައި އެބަ ހުއްޓެވެ.

ރިއެކްޓް ކުރުމުގައިވެސް ތަފާތު ކުރުން ގެންގުޅޭ ކަމީ ހަގީގަތެކެވެ. މުޖުތަމަޢުގައި ތަންކޮޅެއް ބަސްކިޔާ މީހެއްނަމަ ގަދަރުކުރުމުގެ ގޮތުން ހާލަތާއި ގުޅޭ ގޮތުން ރިއެކްޓް ކުރެވެއެވެ. ދޭދޭ އެކުވެރިންނާއި ދަންނަ މީހުންގެ ނަމަ އެކަމުގައިވެސް އޮންނާނީ އެއިރަކު ހިތަށް އެރި ގޮތެކެވެ.

އެހެންކަމުން މީސްމީޑިއާގައި ރިއެކްޓް ކުރުމަކީވެސް ފާޑެއްގެ ހުނަރެކޭވެސް ބުނެވިދާނެއެވެ. އަދި އެކަމުގެ ސަބަބުންވެސް ހީނުކުރާވަރުގެ ކަންކަން ވެގެން ހިނގައިދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *