ލ. މާމެންދޫއަށް ދަތުރު ކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނު، 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒުގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ފިލަން މަސައްކަތް ކުރި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަން އުޅުނު މައްސަލަ މިހާރު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް އެމައްސަލައިގެ މާ ބޮޑު ތަފްސީލެއް ފައިރޫޝް ނުދެއްވަ އެވެ. އަދި ދައުވާ ކުރަން ފޮނުވީ ކިތައް މީހުންނަށް ކަމެެއްވެސް ވިދާޅެއް ނުވެ އެވެ.
ސިކްސް ސެންސަސް ލާމު ރިސޯޓު ކައިރިން ޝިމާގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ތިން ދަނިކޮށް އެ ތިން މީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އޭގެ ތެރޭގައި ޝިމާ ގެއްލުނު އިރު ޑިންގީ ދުއްވަންއިން އިބްރާހިމް ފަޒީލްވެސް ހިމެނެެއެވެ.
ފުލުހުން ބުނީ ޝިމާ ގެއްލުމާއި، ފަޒީލް ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަން މަސައްކަތް ކުރުމާއި އެއްވެސް ގުޅުމެއް ނުވާ ކަމަށެވެ.