ށ. ޅައިމަގުގައި ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެރަށު މީހުން ކުރަމުން އެބަދެއެވެ.
ގެއްލިގެން ހޯދާ މީހާއަކީ، ޅައިމަގުގެ ބޯޓެއް ކަމަށްވާ "ކުރިމަގު" ކިޔާ ބޯޓެއްގައި މަސައްކަތް ކުރާ 40 އަކަށް އަހަރުގެ ލުތުފަރު ކިޔާ މީހެއް ކަމުގައި މައުލޫމާތު ލިބިފައިވެއެވެ. އަދި އެމީހާ ގެއްލިގެން ހޯދަން ފެށީ، ބޯޓު ފުރަން ވެގެން ބެލި އިރު، އޭނާ ފެންނަން ނެތިގެން ކަމަށްވެއެވެ.
ބައެއް މީޑީއާތަކަށް މައުލޫމާތު ދެމުން، ޅައިމަގު ކައުންސިލްގެ ރައީސް އަބްދުލް ޣަނީ މައުލޫމާތު ދީފައިވާ ގޮތުގައި ބިދޭސީ މީހާ އެންމެފަހުން ފެނިފައިވަނީ އެ ބޯޓުންނެވެ. އަދި އޭނާ އެންމެފަހުން ފެނުނީ ގަޑިން، ރޭ 10:30 ކަން ހާއިރުއެވެ.
ބިދޭސީ މީހާ ކައިބޮއެ އުޅެނީ އަދި ނިދާ ހަދަނީވެސް ބޯޓުގައި ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވާއިރު، ރޭ ފަތިހު ފުރަން ބެލި އިރު އޭނާ ބޯޓުގައި ނެތް ކަމަށްވެއެވެ.
ޅައިމަގުގެ ބައެއް ފަރާތްތަކުން މައުލޫމާތު ދެއްވި ގޮތުގައި، ގެއްލިގެން ހޯދާ ބަނގްލަދޭޝް މީހާ އާއި އެ ބޯޓުގައި އުޅޭ އެ ޤައުމުގެ އެހެން މީހަކާ ރޭގެ ވަގުތެއްގައި މައްސަލަތަކެއް ޖެހިގެން އުޅުނެވެ. އަދި އެމީހާ ގެއްލިގެން އުޅުނުއިރުވެސް އޭނާ ފެންނަދެން މަޑުނުކޮށް އެ ބޯޓު ވަނީ މާލެދިއުމަށް ފުރާފައެވެ.
ރަށްރަށަށް މަސައްކަތު ގެނެވޭ ބަންގަލަދޭޝް މީހުން ބައެއްފަހަރު، އެމީހުން ގެންނަ ފަރާތަށް ނޭގި އެހެން ރަށަކަށް ބަދަލުވުމަކީ ވެސް ރާއްޖޭގައި އާންމުގޮތެއްގައި ހިނގަމުންދާކަމެކެވެ.