ދިވެހިންގެ ތެރޭގައި ސްޓްރޯބެރީ ހައްދައި ނޫޅޭ އިރުވެސް ސްޓްރޯބެރީ ފްލޭވަރަކީ ދިވެހިންގެ ތެރޭގައި ގިނަ ބައެއްގެ މަޤްބޫލުކަމެއް ހޯދައިފައިވާ އެއްޗެކެވެ. ޚާއްސަ ކުޑަކުދިންނެވެ. ސްޓްރޯބެރީ އެކުލެވޭ ކާނާތަކުގައި ހުންނަ މަޑު ފިޔާތޮށި ކުލައަކީ ކުދިން ވަކިން ގަޔާވާ ކަމެކެވެ. އަދި ސްޓްރޯބެރީ ފްލޭވަރ އިން ދުވާ މީރު ވަހަކީ ކާ ހިތްކުރުވާ، މީރު ވަހެކެވެ.
ރޯދަމަހަކީ ދިވެހިން ތަފާތު ކަހަލަ މޭވާތައް ބޭނުންކޮށްގެން ކާނާ ތައްޔާރުކުރާ މައްސަރެއް ކަމަށްވާއިރު ފާހަގަކުރެވޭ އެއްކަމަކީ، ރޯދަމަހުގައި އެންމެ ކުރީއްސުރެ ވެސް ސްޓްރޯބެރީ ކޭކާއި ސްޓްރޯބެރީ ޖޫސް ފަދަ ސްޓްރޯޯބެރީ އެކުލެވޭ ޖޫސް ތައްޔާރުކުރާކަމެވެ. ރޯދަ މަހަކީ ދުވާލު ގަޑީގައި ނުކައި ހުންނަން ޖެހޭ ދުވަސް ވަރެއް ކަމުން ކޮންމެ މީހަކުވެސް ސްޓްރޯބެރީ ފަދަ ގިނައިން ފެނުގެ މާއްދާއާއި މިނޫންވެސް ފައިދާ ހުރި މާއްދާތައް އެކުލެވިގެންވާ ކާނާ ރޭގަނޑުގެ ވަގުތުތަކުގައި ކެއުން ބުއްދިވެރިއެވެ.
ދިވެހިންގެ ތެރޭގައި މިހާރަކަށް އައިސް ތާޒާ ސްޓްރޯބެރީ ލިބެން ހުންނަ ކަން ފާހަގަކުރެވެއެވެ. ސްޓްރޯބެރީގައި މައިގަނޑަކަށް އެކުލެވިގެންވަނީ ފެނުގެ މާއްދާކަމަށް ވިނަމަވެސް އޭގައި ފައިދާހުރި ގިނަ އަދަދެއްގެ މާއްދާ އެކުލެވިގެންވެއެވެ. ސިއްހީގޮތުން ސްޓްރޯބެރީގައި އެކުލެވިފައިވާ ފައިދާތައް ގުނާ އަދަދު ނުކުރެވެއެވެ. އޭގެތެރެއިން ބައެއް ފައިދާތައް ބަޔާންކޮށްލަމެވެ.
ސްޓްރޯބެރީ އިން ލިއްބައިދޭ ބައެއް ސިއްހީ ފައިދާތައް
ދިފާއީބާރު ވަރުގަދަކޮށްދޭ
ހަށިގަނޑަށް ބޭނުންވާ ވިޓަމިން ސީގެ 150 އިންސައްތަ އެންމެ ސްޓްރޯބެރީއެއްގައި އެކުލެވިގެންވެއެވެ. މިއީ އިންސާނުންގެ އެތެރެ ހަށީގައި އުފެދޭ ތަފާތު އިންފެކްޝަންތަކާއި ބަލިތަކުން ހަށިގަނޑު ދިފާއު ކޮށްދިނުމުގައި މުހިންމު މާއްދާއެކެވެ. ވިޓަމިން ސީއަކީ އެންޓިއޮކްސިޑެންޓެއް ފަދައިންވެސް މަސައްކަތްކުރާ މާއްދާއެކެވެ. މި އެންޓި އޮކްސިޑެންޓްތައް ހަށިގަނޑުގެ ބޭނުންތެރި ސެލްތަކަށް ހަމަލާ ދިނުމުގައި ހަރަކާތްވެ އުޅޭ ފްރީ ރެޑިކަލް އޭ ކިޔޭ ނުރައްކާތެރި މާއްދާތައް ނައްތާލަދެއެވެ.
ސްޓްރޯކް ޖެހުމުން ދުރުކޮށްދޭ
ސްްޓްރޯކް ޖެހިގެން މަރުވާ މީހުންގެ އަދަދު ވަނީ އިންތިހާއަށް ގޮސްފައެވެ. މީގެ ތެރޭގައި ޒުވާނުންގެ އަދަދުވެސް ވަރަށް ގިނައެވެ. އެހެންކަމުން ކާން ބޭނުންކުރާ ކާނާއަށް ސްޓްރޯބެރީފަދަ ސްޓްރޯކް ޖެހުމުން ދުރުކޮށްދޭ މޭވާ އިޚްތިޔާރުކުރުން މުހިންމެވެ. ސްޓްރޯބެރީގައި އެކުލެވޭ ގިނަ އަދަދެއްގެ އެންޓި އޮކްސިޑެންޓްތަކުގެ ސަބަބުން ލޭގައި ތަޣައްޔަރުވުމާއި ލޭ ގަނޑުވުމުން ދުރުކޮށްދެއެވެ. މީގެ އިތުރުން ސްޓްރޯބެރީގައި އެކުލެވޭ ޕޮޓޭޝިއަމްގެ މާއްދާގެ ސަބަބުން ސިކުނޑިއަށް ލޭ ފޯރުކޮށްދިނުމަށް އެހީވެދެއެވެ. ނަތީޖާއެއްގެ ގޮތުން ސްޓްރޯކް ޖެހުމުން ދުރުކޮށްދެއެވެ.
މޫޑު ރަނގަޅުކޮށްދޭ
ރަތް ސްޓްރޯބެރީއަކީ ހަމައެކަނި ފެންނަ ފެނުމަށް ރީތި އެއްޗެއް ނޫނެވެ. ސްޓްރޯބެރީއަކީ އިންސާނުންނަށް ނަފްސާނީ ދުޅަހެޔޮކަމެއްވެސް ފޯރުކޮށް ދިނުމުގައި އިސް ދައުރެއް އަދާކުރާ 'ފަހުލަވާނެކެވެ'. ސްްޓްރޯބެރީގެ އޮށްތަކުގައި އޮމެގާ-3 ފެޓީ އެސިޑާއި އަލްފާ-ލައިނޮލެއިކް އެސިޑް އެކުލެވިގެންވެއެވެ. މި ދެ މާއްދާއަކީވެސް ސްޓްރެސް ފިލުވައިދޭކަމަށް ސާބިތުވެފައިވާ ދެ މާއްދާއެވެ.
ލޭ މައްޗަށް ދިޔުމުން ދުރުކޮށްދޭ
ސްޓްރޯބެރީއަކީ އޭގައި މަތީ މިންވަރަކަށް ޕޮޓޭޝިއަމްގެ މާއްދާ އެކުލެވިގެންވާ މޭވާއެކެވެ. އޭގެ ސަބަބުން ހަށިގަނޑަށް ސޯޑިއަމްގެ މާއްްދާ އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާ ކުރެއެވެ. ނަތީޖާއެއްގެ ގޮތުން ބްލަޑް ޕްރެޝަރ ދަށްކޮށްދީ، ލޭ މައްޗަށް ދިޔުމުން ދުރުކޮށްދެއެވެ. ހިތުގެ ސިއްހަތު ރަނގަޅުގޮތުގައި ދެމެހެއްޓުމަށާއި ހިތުގެ ނިޒާމު ފަސޭހަކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ޑޮކްޓަރީ މާހިރުން ވެސް ސްޓްރޯބެރީ ކެއުމަށް އިލްތިމާސް ކުރައްވައެވެ.