ޝިމާ ގެއްލުމާއި ޝިމާގެ ކޮއްކޮ ގޮވައިގެން ފަޒީލް ފިލަން މަސައްކަތްކުރުމާއި ގުޅުމެއް ނެތްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ޝިމާ ގެއްލުމު މައްސަލައިގެ ތަހުޤީޤު ކުރިއަށް ގޮސްފައިވާ މިންވަރު ހާމަކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ ޝިމާ ގެއްލުނު ހާދިސާއާއި، ޝިމާގެ ކޮއްކޮ ގޮވައިގެން ފަޒީލް ފިލަން މަސައްކަތް ކުރި މައްސަލައަކީ ގުޅުމެއް ނެތް ތަފާތު ދެ މައްސަލަކަމަށެވެ.
ނަމަވެސް މައްސަލައިގެ ބާވަތުން ކޮންމެވެސް ވަރަކަށް ގުޅުމެއް ވާ ކަން ފައިރޫޝް ފާހަގަކުރެއްވިއެވެ. އެގޮތުން ދެ މައްސަލައިގައިވެސް ފަޒީލް ހިމެނޭ ކަމަށާއި ދެ މައްސަލައިވެސް ޝިމާގެ އާއިލާ ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ފައިރޫޝް ވިދާޅުވީ ޝިމާގެ ކޮއްކޮ ގޮވައިގެން ފަޒީލް ފިލަން މަސައްކަތް ކުރި މައްސަލައިގައި ފަޒީލްއަށާއި އޭނާގެ ގުރޫޕަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.
"އެ މައްސަލައިގައި އަޅުގަނޑުމެންނަށާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ބޭފުޅުންނަަށް ގަބޫލު ކުރެވޭ މިންވަރަށް ތަހުޤީޤު ކުރެވިފައި އޮތީމަ އެ މައްސަލަ މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފައި. އުމުރު ނުފުރޭ ކުއްޖަކު ގޮވައިގެން އޭނަ ބުނާ ގޮތުން އޭނަގެ ރުހުމުގައިވެސް އެކުރި ދަތުރާއި ގުޅިގެން. އެހެންކަމުން އެއީވެސް އެހެން މައްސަލައެއް" ފައިރޫޝް ވިދާޅުވިއެވެ.
އަދި ފަޒީލް އަކީ ޝިމާގެ އާއިލީ ރަށްޓެއްސެއް ކަމަށާއި އާއިލާގެ މެންބަރުންނަށް އެކި ގޮތް ގޮތުން އެހީތެރިވާ މީހެއްކަމަށް ފުލުހުންނަށް ގަބޫލު ކުރެވޭ ކަމަށްވެސް ފައިރޫޝް ވިދާޅިވިއެވެ.