ސްރީލަންކާގެ އަށް ސަރަހައްދަކަށް އިއްޔެ ބޮމުގެ ހަމަލާތައް ދީފައިވަނީ "ނޭޝަނަލް ތައުހީދު" ނަމަކަށް ކިޔާ ޖަމާއަތަކުން ކަމަށް އެގައުމުގެ ކެބިނެޓް މިނިސްޓަރަކު ވިދާޅުވެއްޖެއެވެ.
އެ ގައުމުގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެކަން ހާމަ ކުރެއްވީ އެ ގައުމުގެ ކެބިނެޓް މިނިސްޓަރެއް ކަމުގައިވާ ރަޖިތްނަ ސެނަރަޓްނޭއިރުއެވެ. އޭނާ ބުނި ގޮތުގައި އެކަން ކޮށްފައި ވަނީ ސީދާ އެ ޖަމާއަތުން އެކަނި ކަމެއް ކަށަވަރުކޮށް ބުނާކަށް އަދި ނޭނގޭކަމަށެވެ.
ރަޖިތްނަ ވިދާޅުވި ގޮތުގައި، ޖާނުން ފިދާވުމުގެ ހަމަލާތަކުގައި އަމިއްލައަށް މަރުވެގެން ހަމަލާ ދީފައިވަނީ ލަންކާއަށް ނިސްބަތްވާ މީހުންނެވެ. ނޭޝަނަލް ތައުހީދަކީވެސް ސްރީލަންކާއަށް ނިސްބަތްވާ ޖަމާއަތެކެވެ.
ބޮމުގެ ހަމަލާތަކުގައި ގިނަ ބަޔަކު ޒަހަމްވެ އެތަކެއް ބައެއްގެ ފުރާނަ ގެއްލިފައިވާއިރު، އެ ގައުމު އޮތީ އަދިވެސް ސިހުމެއްގެ ހާލަތުގައެވެ.