ކޯޓުތަކުގެ ޝަރީއަތްތައް ކަވަރު ކުރުމުގެ ފުރުސަތު ރާއްޖެ ޓީވީއަށް އަލުން ދޭން ފަށައިފިއެވެ.
އެއްވެސް ކޯޓެއްގެ ޝަރީއަތްތަކާއި ޝަރުއީ ދާއިރާގެ ހަރަކާތްތައް ކަވަރު ކުރުމުގެ ފުރުސަތު ރާއްޖެ ޓީވީ އަށް ނުދޭން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ނިންމާފައެވެ.
ޑީޖޭއޭ އިން އެގޮތަށް ނިންމީ، ރާއްޖެޓީވީ ގެނެސްދިން ޕްރޮގްރާމެއްގައި ޝަރުއީ ދާއިރާގެ ކަރާމާތް ގެއްލޭ ފަދަ ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެއެވެ. އެގޮތުން، ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ އަބުރަށް ހުތުރުވާ ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ އެ މައްސަލަ ޑީޖޭއޭ އިން ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް އޭރު ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލާގައި އެ ކޮމިޝަނުން ނިންމާފައިވަނީ އެކަމުގައި ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ރާއްޖެ ޓީވީން ޚިލާފްވެފައި ނެތް ކަމަށެވެ.
ޝަރީއަތްތަކާއި ޝަރުއީ ދާއިރާގެ ހަރަކާތްތައް ކަވަރު ކުރުމުގެ ފުރުސަތު އެ ސްޓޭޝަނަށް އަނެއްކާވެސް ދޭން ފެށީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް ޑީޖޭއޭ އިން ބުނެފައިވެއެވެ.