ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކްރިކެޓް މެޗެއް ބައްލެވުމަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި، އިންޑިއާގެ ދެ ކްރިކެޓު ކުޅުންތެރިން ކަމަށްވާ ވިރާޓް ކޯލީ އާއި މަހެންދަރު ސިންގް ދޯނީ ހާއްސަ ހަދިޔާއެއް ރައީސް ޞާލިހަށް ދެއްވައިފިއެވެ.
މިވަގުތު އިންޑިއާގެ ކްރިކެޓް މައިދާނުގައި ތިބި އެންމެ މަޝްހޫރު ދެ ކްރިކެޓު ކުޅުންތެރިން ކަމަށްވާ ވިރާޓް ކޯލީ އާއި މަހެންދަރު ސިންގް ދޯނީ ވަނީ ރައީސް ޞާލިހަށް އެ ދެ ކުޅުންތެރިން ސޮއިކޮށް ކްރިކެޓު ބެޓަކާއި ޖާޒީއެއް ހަދިޔާ ކޮށްފައެވެ.
ރައީސް ސޯލިހަށް އެ ހަދިޔާ އަރުވާފައި ވަނީ އައިޕީއެލްގައި ރޯޔަލް ޗެލެންޖާސް ބެންގަލޯ އާއި ޗެންނާއީ ސުޕަ ކިންގްސް ރޭ ބައްދަލުކުރި މެޗު ބައްލަވާލެއްވުމަށް އެމަނިކުފާނު ދަނޑަށް ވަޑައިގަތުމާއި ގުޅިގެންނެވެ. ރައީސް ޞާލިހް އިންޑިއާ އަށް ވަޑައިގެންނެވީ، އިންޑިއާގެ ކްރިކެޓް ބޯޑުގެ ދައުވަތަކަށެވެ.
ރައީސް މިހާރު އިންޑިއާ އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެމަނިފާނު ވަނީ އިއްޔެ ހަވީރު، އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި ވެސް ބައްދަލުކުރައްވާފައެވެ. ރައީސް ޞާލިހް އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅު ނިންމާފައި ރާއްޖެ ވަޑައިގަންނަވާނީ ހޯމަ ދުވަހެވެ. އެ ދަތުރުފުޅުގެ ހުރިހާ ހަރަދެއް ބަލަހައްޓަވާނީ އިންޑިއާ ސަރުކާރުންނެވެ.