މަސްވެރިންނަށާއި މަސްވެރިކަމަށް ބޮޑެތި ހަނިތަކެއް ކުރިމަތިވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި އޮތް މަސްވެރިކަމުގެ ބިލު އިސްލާހު ކުރުމަށް އެބިލު އެނބުރާ ގެންގޮސްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު، މުހައްމަދު ރަޝީދު ހުސައިން (ބިގޭ) މަޖިލީހަށް ހުށައެޅުއްވި އެބިލް އަނބުރާ ގެންގޮސްފައިވާކަން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ މިއަދުގެ ޖަލްސާގައި އިއުލާނު ކުރައްވާފަ އެވެ.
އެ ބިލުގައި ވާގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްރޭސް ބާއްވާ ނަމަ ވެސް ކުރިއާލައި ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ނުހޯދައި މަސްރޭސް ނުބޭއްވޭނެ އެވެ. މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، އެ ބިލު އަނބުރާ ގެންދެނީ ބިލު ހުށަހެޅުއްވި މެމްބަރު އެގޮތަށް އެދިވަޑައިގަތުމުން ކަމަށް ކަމަށެވެ.
އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، މަސްވެރިންނާއި ރައްޔިތުން ހިތްހަމަނުޖެހޭ ކަހަލަ ބިލެއް އެބޭފުޅާ މަޖިލީހަށް ނުހަށައަޅާނެ ކަމަށެވެ. "ބިލު އަނބުރާ ނެގުމަށްފަހު ރައްޔިތުން އެދޭ އިސްލާހުތައް ގެންނާނަން." ބިގޭ ވިދާޅުވި އެވެ.
ބިލާމެދު އާންމުންނާއި ގިނަ މަސްވެރިން ވަނީ މީސް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އާންމުންގެ ކަންބޮޑުވުމަކީ މަސްވެރިކަމުގެ ކުދި ކުދި ކަންކަމުގައި މިނިސްޓްރީގެ ހުއްދަ ނަގާ ގޮތަށް އޮތުމެވެ. އަދި މަސްރޭސް ފަދަ މުބާރާތްތަށް ދިވެހިން ދިވެހިންގެ ކަނޑުގައި ބާއްވަން ބައެއްގެ ހުއްދަ ހޯދަން ޖެހުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.