އަވައްޓެރި ސްރީލަންކާ އަށް ހުއްޓުމެއްނެތި ފުލުފުލުން އިއްޔެ ބޮމުގެ ހަމަލާތައް ދެމުންގެންދިއުމުގެ ސަބަބުން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު އެގައުމުން އުވާލައިފިއެވެ.
އިއްޔެ މެންދުރު ހާއިރު އިއުލާން ކުރެވުނު ކުއްލި ނުރައްކަލުގެ ހާލަތު އެގައުމުން އުވާލާފައިވަނީ، ކުރިންވެސް އެ އުވާލަން ނިންމާފައިވާ ގަޑި ކަމަށްވާ މިއަދު ހެނދުނު 6:00 ގައެވެ. ސްރީލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން ކުރެއްވި ޓުވީޓެއްގައި ވަނީ ލަންކާގައި އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި ކަން ކަށަވަރު ކޮށްދީފައެވެ.
އިއްޔެ ސްރީލަންކާ އަށް ހުއްޓުމެއްނެތި ދިން ބޮމުގެ ހަމަލާތަކުގައި ވަނީ ލަންކާގެ 8 ސަރަހައްދެއް ގޮއްވާލާފައެވެ. އެ ބޮމުގެ ހަމަލާތަކުގައި ވަނީ 200 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.
އިއްޔެ ހަމަލާގައި ބައެއް މީހުން ބޮން ގޮއްވާލާފައި ވަނީ ހަށިގަނޑުގައި ހަރުކޮށްގެން ޖާނުން ފިދާވެގެން ކަމަށް ލަފާ ކުރެވޭ ކަމަށް ލަންކާ ސަރުކާރުގެ އޮފިޝަލުން ބުނެ އެވެ. މި ހާދިސާއާ ގުޅިގެން މިހާ ތަނަށް އައި އިރު 24 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.