ރަމަޟާން މަސް ބޯމަތިވަމުން އަންނައިރު ދަތުރުވެރިންގެ މާރުކޭޓުގައި ކަނޑޫދޫ މިރުހުގެ އަގު ވަރަށް ބޮޑަށް އުފިލިއްޖެއެވެ.
އެގޮތުން މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ކަނޑޫދޫ މިރުސް ކިލޯއެއް ލިބެން ހުރީ 100 ގުރާމު 80 ރުފިޔާ އަށެވެ. އެއީ ކިލޯއެއް 800 ރުފިޔާ އަށެވެ.
ކަނޑޫދޫ މިރުހުގެ އަގު މިހާ ބޮޑަށް އުފުލިފައި މިވަނީ އެކަށީގެންވާ ވަރަށް މިރުސް ލިބުމުގައި ދަތިތަކެއް ހުރީމައެވެ.
ކަނޑޫދޫގެ ބައެއް ދަނޑުވެރިން ޖަޒީރާ ނިއުސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިރުހުގެ އަގު ބޮޑުތަނުން އުފުލުނީ ހޫނު ގަދަ ވުމުގެ ސަބަބުން މިރުސް ގަސްތައް ހައްދަން އުނދަގޫތަކާއި ކުރިމަތިވުމުން ކަމަށެވެ. އަދި މިރުސް ގަހަށް ޖެހޭ ބަލިތަކުގެ ސަބަބުންވެސް މިރުސް އެކަށީގެންވާ ވަރަށް ހެއްދުމުގައި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށް ބައެއް ދަނޑުވެރިން ބުނެފައިވެއެވެ.
"ހޫނު ގަދަވުމުން މިރުސް ގަސްތައް މަރުވަނީ. ދެން ފާޑެއްގެ ބައްޔެއް ޖެހިފައ ގަސްތަކަށް ހުންނަނީ. ވަރަށް މަދު ދަނޑުތަކުގައި މިފަހަރު ރަނގަޅަށް މިރުސް އެޅީ" ކަނޑޫދޫގެ ދަނޑުވެރިއަކު "ޖަޒީރާ ނިއުސްއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ކަނޑޫދޫ ކުޅި މިރުހުގެ އަގު އަދިވެސް އުފުލިދާނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ. ބައެއް ވިޔަފާރިވެރިންގެ ނަޒަރުގައި ރޯދަމަސް ފެށޭއިރު ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 1000 ރުފިޔާއަށް އަރާއެވެ.