މުސާރަ ބޮޑު ކުރިއަސް ކޮރަޕްޝަން ނުހުއްޓުވޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު (މާވަށު އަޒީ) ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އަޒީޒް މިހެން ވިދާޅުވެފައިވަނީ ރޭ ބޭއްވި ގައުމީ އެންޓި ކޮރަޕްޝަން ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން، މުސާރަ ކިތަންމެ ބޮޑު ކުރިއަސް ކޮރަޕްޝަން ނުހުއްޓުވޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.
ކޮރަޕްޝަނަކީ ކޯއްޗެއްކަން ބުނެދޭން ނޭނގޭ ގިނަ ބަޔަކު އުޅޭ ކަމަށާއި، ކޮރަޕްޝަން އޭ ބުނުމުން ގިނަ ބަޔަކަށް ސިފަވެފައި އޮންނަނީ އެއީ މީހުންނަށް ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުން ކަމަށެވެ. ނަމަވެސް ކޮރަޕްޝަން އަކީ ހަމައެކަނި އެއީ ނޫންކަމަށާއި އޭގެ ތެރޭގައި އަދި އެތަކެއް ދާއިރާތަކެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮރަޕްޝަން އަކީ ކޮބައިކަމާއިމެދު އަޒީޒް ދެއްކެވި ވާހަކަފުޅުގައި އޭނާ ފާހަގަ ކުރެއްވީ، އޭގެ ތެރޭގައި އިޖްތިމާއީ ކޮރަޕްޝަން، އިގްތިސޯދީ ކޮރަޕްޝަން، ސިޔާސީ ކޮރަޕްޝަން، އަދި ފަހަކަށް އައިސް ދީނީ ކޮރަޕްޝަން ވެސް ހިމެނޭ ކަމަށެވެ.
ކޮރަޕްޝަންތަކުގެ ތެރެއިން އެންމެ ނުބައި ކޮރަޕްޝަނަކީ ގާނޫނީ ކޮރަޕްޝަން ކަމުގައި ކޮމިޝަނަރ ސިފަކުރެއްވިއެވެ. އެގޮތުން، ގާނޫނީ ކޮރަޕްޝަން އަކީ "ވައިޓް ކޮލާ ކްރައިމް" އެއް ކަމުގައި ވިދާޅުވިއެވެ. މި ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ފައިސާއެއް ނުލިބި ގޮސްފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
"ކޮރަޕްޝަން އަކީ ވަރަށް ބޮޑަށް ގައުމު ތަކުގައި އުފުލަމުންދާ ވަރަށް ނުރައްކާތެރި ވަބާއެއް. ކޮރަޕްޝަނުގެ ނުބައިކަމަކީ ހަގީގަތުގައިވެސް އަޅުގަނޑުމެންނަށް އޭގެ ނުރައްކާތެރިކަމާއި އޭގެ ގެއްލުން ތަސްއްވުރު ކުރަން ނޭނގޭ ވަރުގެ ބޮޑު ކަމެއް" ކޮމިޝަނަރ ވިދާޅުވިއެވެ.
ކޮރަޕްޝަން ނައްތާލަން ބޭނުން ނަމަ ހުރިހާ މުއައްސަސާއަކުން އެބަޔަކު ކުރާކަމެއް ހާމަ ކަންމަތީ ކުރަން ވާނެ ކަމަށާއި، ބަޔަކު މީހުން އެކަމެއް ކުރާތަން ބަލަން ނެތް ކަމުގައި ވިއަސް ފަހުން އެކަންތައް ހިނގާފައިވާ ގޮތް ބަލަން ބޭނުން ވެއްޖެ ހިނދެއްގައި އެކަން ދެއްކޭވަރު ވާން ވާނެ ކަމަށާ މިކަންތައް މިހެން ނުގޮސްފިނަމަ ބަލަން ތިބޭ މީހުން ނިންމާނީ އެއީ ކޮރަޕްޝަންގެ ދަށުން ނިމިފައިވާ ކަމެއްގެ ގޮތުގައި ކަމަށް އަޒީޒް ވިދާޅުވިއެވެ.
ކޮރަޕްޝަނާއި ބެހޭ ވާހަކަތަކުގެ ތެރެއިން އިންފޮމޭޝަން ކޮމިޝަަރ ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަނަކީ މިހާތަނަށް އެންމެ ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކޮށްފައިވާ އެއް ތަން ކަމަށެވެ. އަދި އެކަމަށް އެ ކޮމިޝަންގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.