ރޯދަމަހުގައި ފޮނި ކާނާތަކުގައާއި ފަނިތަކުގައި ދިވެހިން އަލަނާސި ބޭނުންކުރެއެވެ. އަލަނާސިއަކީ ވަރަށް މީރު ހުތްފޮނި ރަހައެއް ދޭ މޭވާއެކެވެ. ރާއްޖޭގައި ގިނައީ ބޭރުން ހައްދައިގެން ރާއްޖެ އެތެރެކުރެވޭ އަލަނާސިއެވެ. އަލަނާސީގެ އަގުބޮޑުވިޔަސް އަގުހެޔޮވިޔަސް ދިވެހިން އަލަނާސިއަށް ކުރާ ޑިމާންޑަކަށް ބަދަލެއް ނާދެއެވެ. ދިވެހިން މިހައި ލޯބިކުރާ، ދިވެހިންގެ ތެރޭގައި ޢާންމު މޭވާއެއް އެއީ ދިވެހިންނަށް ނުހަނު ގިނަ ސިއްހީ ފައިދާތަކެއް ގެނެސްދޭނެ މޭވާއެއް ކަމަށް ހީކުރިން ހެއްޔެވެ؟
އަލަނާސިން ލިއްބައިދޭ ބައެއް ސިއްހީ ފައިދާ
ކަށިގަނޑު ވަރުގަދަކޮށްދޭ
ކަށިގަނޑު ވަރުގަދަކޮށްދިނުމުގައި އިސްދައުރެއް އަދާކުރާ މާއްދާއެއް ކަމަށް މެންގަނީސް ވެއެވެ. ދިރާސާތަކުނެ ދެއްކިގޮތުން އެންމެ އަލަނާސިއެއްގައި ދުވާލަކު އިންސާނެއްގެ ހަށިގަނޑަށް އެތެރެ ކުރަން ޖެހޭ މެންގަނީސް މާއްދާގެ 75 އިންސައްތަ އެކުލެވިގެންވެއެވެ. އެހެންކަމުން ކަށިގަނޑު ވަރުގަދަކޮށް ދިނުމުގައި އަލަނާސިވެސް އެހީވެދެއެވެ. މީގެ އިތުރުން އަލަނާސިގައި އެކުލެވިގެންވާ ބައެއް މިނަރަލްތަކުގެ ސަބަބުން ކަށިގަނޑު ފީވެ ބަލިކަށިވާ ތަފާތު ބަލިމަޑުކަންތަކުން ދުރުކޮށްދެއެވެ.
ލޮލުގެ ފެނުމަށް ފައިދާހުރި
މުސްކުޅިވުމުގެ ސަބަބުން ލޮލުގެ ފެނުން ބަލިކަށިވުމަކީ ކޮންމެ އިންސާނަކަށްވެސް ކުރިމަތިވާނެކަމެކެވެ. އެއީ ގުދުރަތުގެ ނިންމުމެވެ. ނަމަވެސް ފައިދާހުރި ބައެއް ކާނާތައް ކައިގެން މުސްކުޅިވެ، ލޮލުގެ ފެނުން ނުސާފުވާ މިންވަރު ލަސްކުރުވުމަކީ ކުރެވިދާނެ ކަމެކެވެ. މިގޮތުން އަލަނާސިގައި އެކުލެވިގެންވާ ވިޓަމިން ސީއާއި އެންޓިއޮކްސިޑެންޓް މާއްދާތަކުގެ ސަބަބުން އިންސާނާ މުސްކުޅިވާ އަވަސްމިން ދަށްކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ލޮލުގެ ފެނުން ގިނަ ދުވަސް ވަންދެން ސާފުކަންމަތީ ދެމިހުރެއެވެ.
ރޯގާއާއި ސައިނަސް އިން ދުރުކޮށްދޭ
އަލަނާސީގައި އެކުލެވިގެންވާ ވިޓަމިންސީގެ މާއްދާގެ އިތުރުން ބްރޮމެލައިން ނަމަކަށް ކިޔޭ މާއްދާއެއްގެ ސަބަބުން ކަރުގެ އެތެރެއާއި ނޭފަތުގައިވާ އަރިދަފުސްތައް ފިލުވައިދެއެވެ. ކުރެވުން ގިނަ ދިރާސާތަކަށް ހަވާލާދީ، ގިނަ ޑޮކްޓަރީ މާހިރުން ރޯގާޖެހި، ކެއްސާނަމަ އަލަނާސިކާން ލަފާދެއްވައެވެ. ކަރަށް ތަދުވެ، މޭގައި އަރިދަފުސް ހިފުން ފަދަ ރޯގާ ޖެހުމުން ކުރިމަތިވާ ގިނަ އުނދަގޫތަކަށް ހުރި ހައްލަކަށް އަލަނާސި ފުދެއެވެ.
އިންފްލެމޭޝަންތަކުން ދުރުކޮށްދިނުމަށް އެހީވެދޭ
ގިނަގިނައިން އިންފްލެމޭޝަންތަކާއި ކުރިމަތިލާން ޖެހުމަކީ ކެންސަރަށް މަގުފަހިވެފައިވާކަމުގެ އަލާމާތަކަށް ވެދާނެއެވެ. ބްރޮމެލައިން އާއި މި ނޫންވެސް ބައެއް ބާވަތްތަކުގެ އެންޒައިމްއަކީ ތަފާތު ޓިއުމަރަތަކުން ސަލާމަތްވުމުގެ ހަނގުރާމައިގައި ބޮޑު ކުރިއެރުމެއް ގެނެސްދޭ ކަމެކެވެ. އަލަނާސިއަކީ އޭގައި މަތީ މިންވަރަކަށް މި ދެ މާއްދާވެސް އެކުލެވިގެންވާ ދެ މާއްދާްއެވެ.