ރޯދަމަހުގައި ސުކޫލްތަކުގެ ކިޔެވުން އޮންނާނެ ގަނޑިތައް އެޑިޔުކޭޝަން މިނިސްޓްރީއިން ހާމަކޮށްފިއެވެ. 

އެ މިނިސްޓްރީއިން ކުރި އިއުލާންއެއްގައިވަނީ، ރޯދަމަހާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ކިޔެވުން ހެނދުނު 8:30 އާއި 9:00އާ ދެމެދު ފަށަން ޖެހޭނެ ކަމަށާއި ސުކޫލު ފަށާ ގަޑި ކަނޑައަޅާއިރު، ބެލެނިވެރިންނަށް ދަތި ނުވާނެ ގޮތަށް ހަމަޖެއްސުމަށް ސަމާލުކަން ދޭންވާނެ ކަމަށެވެ. 

ރޯދަމަހު އެލްކޭޖީ އަދި ޔޫކޭޖީ ކުދިންނަށް ކިޔަވައިދިނުމަށް ހަމަޖައްސާފައި ވަނީ އެއް ގަޑިއިރާއި 30 މިނެޓެވެ. ގްރޭޑް 1 އިން 7 ގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ހަމަޖައްސާފައި ވަނީ ދެ ގަޑިއިރާއި 30 މިނެޓެވެ. އަދި ގްރޭޑް 7 އިން 12 ގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ހަމަޖައްސާފައި ވަނީ ދުވާލަކު ތިން ގަޑިއިރުގެ ދަންފަޅި އަކަށެވެ.

މިނިސްޓްރީން ބުނީ، ކޮންމެ ގަޑިއެއްގެ ދިގުމިން 30 މިނެޓާ 45 މިނެޓާ ދެމެދަށް ހަމަ ޖެއްސުމަށެވެ. އަދި ރޯދަ މަހު ކްލާސްތަކަށް ޓައިމްޓޭބަލް އެކުލަވާލާއިރު އެންމެ މަދުވެގެން ދެ ހަފްތާތެރޭގައި ހުރިހާ މާއްދާއެއް ކިޔަވައިދެވޭނެ ގޮތަކަށް އިންތިޒާމް ހަމަޖައްސައްވާނެ ކަމަށެވެ.

ކޮންޓިނިއަސް އެސެސްމަންޓް ނަގާ ދަރިވަރުންނަށް ކިޔެވުން އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެއީ ގްރޭޑް ހައެކުން ފެށިގެން ދަށުގެ ދަރިވަރުންނެވެ. އެދަރިވަރުންނަށް އަންނަ މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ކިޔެވުން ނޯންނާނެ ކަމަށްވެސް އިއުލާންގައިވެ އެވެ.

މީގެ އިތުރުން ދަންފަޅިއަށް ކިޔަވާދޭ ސުކޫލުތައް މެންދުރުފަހު 3:00 އަށް ކިޔެވުން ނިމޭނެ ގޮތަށް ގަޑިތައް ހަމަޖައްސަންވާނެ ކަމަށްވެސް އިއުލާންގައިވެ އެވެ.

ރޯދަމަހު ކިޔަވައިދޭ ގަޑިތަކުގައި ދަރިވަރުންނާއި މުވައްޒަފުންނަށް ނަމާދު ވަގުތުތައް ފާއިތު ނުވަނިސް ނަމާދު ކުރެވޭނެ ގޮތް ފަހި ކޮށްދިނުމަށާއި ދަންފަޅި ނިމުމުން ލަސްނުވެ ގެއަށް ދެވޭނެގޮތް ހަމަޖެއްސުމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ. އަދި ސްކޫލްތަކުގައި ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ދީނީ ހަރަކާތްތައް ރާވައި ހިންގުމަށް ވެސް ބުނެފައި ވެއެވެ. މީގެ އިތުރުން މަޣްރިބް ނަމާދާއި އިޝާ ނަމާދުގެ ވަގުތުގައި އެއްވެސް ސްކޫލް ހަރަކާތެއް ނުހިންގުމަށާއި ސްކޫލްގައި ހިންގާ ހަރަކާތްތައް ތަރާވީހް ނަމާދަށް ފުށުނާރާ ގޮތަށް ރާވާ ހިންގުމަށް ވެސް މިނިސްޓްރީގެ އިއުލާންގައިވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *